ގިނަ މީހުންނަށް ހީވެފައި އޮންނަނީ ގިނަ އަދަދަކަށް ހަކުރު ހިމެނޭ ފިޒީ ބުއިންތަކަކީ ހަމައެކަނި ސިއްހަތަށް ގެއްލުން ހުރި އެއްޗެއް ކަމަށެވެ. ނަމަވެސް މިފަދަ ބުއިންތަކަކީ އެހެނިހެން ގޮތްގޮތުން ވެސް އޭގެ ނޭދެވޭ އަސަރު ކުރުވާ ކަންކަމެވެ. އެގޮތުން ފިޒީ ބުއިންތަކުން ކުޑަކުދިންގެ އުޅުމަށް ބަދަލުތަކެއް އަންނަކަން މިވަނީ ހޯދިފަ އެވެ.
މިކަމާ ގުޅޭ ގޮތުން ހަދާފައިވާ ދިރާސާ ތަކުން އެނގޭ ގޮތުގައި ގިނަ އަދަދަކަށް ހަކުރު ހިމެނޭ ފިޒީ ބުއިންތައް ބޯ ކުދިންގެ ސިއްހަތަށް ގެއްލުން ވުމުގެ އިތުރުން އެކުދިންގެ މޫޑް ބަދަލުވެ ބޮޑާ ހޭކުން އިތުރުވެ އެވެ.
ދަރިފުޅުގެ ހިތް ރުއްސަން ނުވަތަ މަސަލަސް ކުރުވަން މިފަދަ ބުއިންތައް ދިނުމަކީ ބައެއް ބެލެނިވެރިންގެ އާދަ އެކެވެ. އެހެން ނަމަވެސް މިއީ ނޭނގި ނަމަވެސް އެކުދިންގެ އަހުލާގާއި ނަފްސާނީ ދުޅަހެޔޮ ކަމަށް ދެވޭ ގެއްލުމެކެވެ.
ކޮލަމްބިއާގެ ޔުނިވަސިޓީ އެއް ކަމަށްވާ މިލަމަން ސްކޫލް އޮފް ޕަބްލިކް ހެލްތުން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ފިޒީ ބުއިންތައް އާންމުކޮށް ބޯކުދިން ބޮޑާ ހޭކުމުގެ އިތުރަށް ބަސް ނޭހުމާއި އެއްޗެހި ހަލާކުކޮށް އެހެންކުދިންނާ ތަޅާފޮޅާހަދާ މިންވަރު އިތުރު ކަމަށެވެ.
އެ ދިރާސާ ބުނެފައިވާ ގޮތުން ކުދިންގެ އުޅުމުަށް ބަދަލު އަންނަނީ މިފަދަ ބުއިންތަކުގައި ހިމެނޭ ކާބަނޭޓެޑް ވޯޓާ އާއިި ކެފެއިން އާއި ސިޓްރިކް އެސިޑްގެ އިތުރުން ސޯޑިއަމް އާއި ފޮސްޕޮރިކް ފަދަ އެއްޗެހީގެ ސަބަބުންނެވެ.
ކެފެއިންގެ އަސަރު ކުރުމުން ކުދިންގެ ހޯމޯންސް އަށް ވަރަށް ބޮޑަށް ބަދަލު އަންނަ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ. އަދި މިއީ ކުދިންގެ ސިކުނޑި ހެދި ބޮޑުވާއިރު ވަރަށް ބޮޑަށް އަސަރު ކުރާ އެއް ކަންތައް ކަމަށް ވެސް އެ ދިރާސާގައި ބުނެފައި ވެއެވެ.
ކުދިންގެ އުޅުމަށް ފިޒީ ބުއިންތަކުން އަސަރު ކުރުވާއިރު މިއީ ކުދިން އާދަޔާ ޚިލާފަށް ފަލަވުމުގެ މައްސަަލައާއި ވެސް ކުރިމަތިލާން ޖެހޭ އެކައްޗެކެެވެ. އަދި ދަތްފަނި ކެއުމާއި ހަކުރު މައްޗަށް ދިއުންފަދަ ކަންތަކާއި ފިޒީ ބުއިންތަކާ ގުޅިފައިވެ އެވެ.
އެހެން ކަމުން ދެން ދަރިފުޅަށް ފިޒީ ބުއިމެއް ދިނުމުގެ ކުރިން އެއިން ނުކުންނާނެ ނަތީޖާއަކާމެދު ވިސްނާލާށެވެ. އަދި މި ބުއިންތަކުގެ ބަދަލުގައި ގުދުރަތީ މޭވާއިން ބުއިމެއް ތައްޔާރުކޮށް ދަރިންނަށް ދޭށެވެ.