މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ކޮމިޝަނުގެ ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައި ބަލައި ނުގަތުމަށް ނިންމައިފި އެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގެ އެޖެންޑާ އިއްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މެންބަރު މީކާއިލް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ޝަރުތު ހަމަނުވާތީ ބަލައިގަނެވެން ނެތް ކަމަށެވެ.

މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި އޮތީ ނޫސްވެރިކަން ކުރުމާއި މުވާސަލާތީ ވަސީލަތްތައް ބޭނުން ކޮށްގެން އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތެއްގެ މަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ހިޔާލު ފާޅު ކުރުމަކީ ގަނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ކަމުގައިވާއިރު، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ކޮމިޝަން ބިލު ފަރުމާ ކޮށްފައި ވަނީ ނޫސްވެރިންނާއި މީޑިއާ ހިންގާ ފަރާތްތައް ސަރުކާރުގެ މުށުތެރެއަށްލައި އެ ކޮމިޝަން ރެގިއުލޭޓު ކުރުމުގެ ފުރިހަމަ ކޮންޓްރޯލް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ކަމަށެވެ.

ކުއްލި މައްސަލައިގައި ސަރުކާރަށާއި މަޖިލީހަށް ގޮވާލާފައި ވަނީ ގާނޫނުއަސާސީން ކަށަވަރު ކޮށްދޭ ހައްގަކަށް ހުރަސް އެޅޭގޮތަށް މަޖިލީހުން ބިލުތައް ފާސްކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓައިލުމަށެވެ.

ސަރުކާރުން އަޑީގައި އޮވެ މީޑިއާތައް ކޮންޓްރޯލް ކުރުމަށް ހުށަހަޅާފައިވާ ބިލުގައި މިހާރުގެ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި މީޑިއާ ކޮމިޝަނެއް އުފައްދައި އެ ކޮމިޝަން ސަރުކާރަށް ކޮންޓްރޯލްކުރެވޭގޮތަށް އުފެއްދުމަށެވެ. އެގޮތުން އެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އެ ބިލްގައިވެ އެވެ. އަދި މީޑިއާތަކުން އިންތިހާބު ކުރަނީ ތިން މެމްބަރުންނެވެ.