ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމަށް ދާދިފަހުން މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެކުލަވާލި އާ ގަވައިދާ އެއްގޮތަށް އަމަލު ނުކުރާނެކަމަށް ރާއްޖޭގެ ބައެއް ބޮޑެތި ވިޔަފާރިވެރިންގެ ކުންފުނިތަކުން އެންގުމުން ރައީސް މުހައްމަދު މުއިއްޒުގެ ނުރުހުން ވިޔަފާރިވެރިންނަށް އަމާޒުވެއްޖެ އެވެ.

އެމްއެމްއޭގެ ގަވައިދަށް އަމަލު ނުކުރާނެކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި ގިނަ އަދަދެއްގެ ރިސޯޓް ހިންގާ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވަނީ ސިޓީއަކުން އަންގަވާފަ އެވެ.

މިކަަމަށް އިޝާރާތްކުރައްވާފަދަ މޭރުމަކުން ރައީސް މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިއަށް އޮތް ތާނގައި އިތުރަށް ފެންނާނެ ކަމަށެވެ.

"މި ސަރުކާރު ކުރިއަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި" ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސް ވިޔަފާރިވެރިންގެ ނިންމެވުމަށް ނުރުހުން ފާޅުކުރެއްވި އިރު، މީގެ ދެ ހަފްތާ ކުރިންވެސް ރައީސް ވަނީ ވިޔަފާރިވެރިންނާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

އެގޮތުން ރައީސް ވިދާޅުވީ ބާރުގަދަ މީހުން ތަޅުލައިގެން ތިބުމުގެ ސަބަބުން މީގެ ކުރިން ސަރުކާރުތަކަށް ނިންމަން ނުކެރި ހުރި ކަންކަން ނިންމަމުންދާ ކަމަށެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖެއަށް ދަތުރުކުރާ ބިދޭސީންގެ އަތުން އެއާޕޯޓުން ނަގާ ފީއާއި ޓޫރިޒަމުން ނަގާ ޓީޖީއެސްޓީއާއި ގްރީން ޓެކްސް ބޮޑުކުރަން ނިންމުމުގެ އިތުރަށް ޓޫރިޒަމް ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރަން މަޖުބޫރުވާ ގޮތަށް ސަރުކާރުން ގެނައި ބަދަލުތަކަށް ބައެއް ވިޔަފާރިވެރިންގެ ނުރުހުން ލިބުމާއި ގުޅިގެންނެވެ.

އެމްއެމްއޭގެ އެ ގަވައިދުގައި ކަނޑައަޅާފައިވާ ގޮތަށް ކޮންމެ ރިސޯޓަކަށް އަންނަ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބައެއް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ. އަދި އެފަދައިން އަމަލުކުރުމަކީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.