އިންޑިއާގެ ބެންގަލޫރުގައި ހުންނަ ހޮޓަލެއްގެ ކޮޓަރިއެއްގެ ތެރޭގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައެއް ބަލަމުންދާ ކަމަށް އިންޑިއާގެ ނޫހަކުން ބުނެފި އެވެ.

ބެންގަލޫރުގެ އާރްޓީ ނަގަރްގައި ހުންނަ ހޮޓަލެއްގައި މަރުވެފައި އޮއްވާ ފެނުނީ ހަސަން ސުހައިލް ކިޔާ އުމުރުން 43 އަހަރުގެ މީހެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ ބުދަ ދުވަހު އެވެ.

ސުހައިލް ބުދަ ދުވަހު ކޮޓަރިން ނުނުކުތުމުން، އަދި ކާއެއްޗެހި އޯޑަރު ނުކުރުމުން އެ ހޮޓަލުގެ މުވައްޒަފުން އޭނާއަށް ގުޅުމަށް މަސައްކަތްކޮށް ހަބަރެއް ނުވުމުން، އާރްޓީ ނަގަރުގެ ފުލުހުން ކޮޓަރީ ދޮރު ހަލާކުކޮށް ވަތްއިރު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް އިންޑިއާގެ ނޫހެއްގައި ބުނެފައިވެ އެވެ.

ގޮތް ނޭނގޭ މަރެއްގެ ގޮތުގައި އިންޑިއާގެ ފުލުހުން އެ މަރު ތަހުގީގު ކުރަމުން އަންނައިރު، ސުހައިލް ބެންގަލޫރަށް ގޮސްފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށާއި އޭނާ އެންމެ ފަހުން ފެނިފައިވަނީ 12 ނޮވެމްބަރު، އަންގާރަ ދުވަހުގެ ހަވީރު ކަމަށް އެ ގައުމުގެ ފުލުހުން ބުނެ އެވެ.

މީގެ އިތުރުން ސުހައިލް ވަނީ ނޮވެމްބަރު 11 ވަނަ ދުވަހު ބެންގަލޫރުން ބޯޕަލްއަށް ދިއުމަށް ފްލައިޓެއް ބުކްކޮށްފައި ކަމަށާއި ނަމަވެސް އޭނާ ދަތުރު ނުކުރާ ކަމަށް ފުލުހުން ބުނެ އެވެ. ބޯޕަލް އިން މުމްބާއީ އަށް 14 ވަނަ ދުވަހު ގޮސް، 15 ވަނަ ދުވަހު މުމްބާއީ މަގުން ރާއްޖެ ދިއުމަށް ވެސް އޭނާ ފްލައިޓް ބުކްކޮށްފައިވާ ކަމަށްވެ އެވެ.

"އަޅުގަނޑުމެނަކަށް ނޭނގެ އޭނާ އެ ދުވަހު ދަތުރު ނުކުރީ ކީއްވެގެން ކަމެއް، އަދި އޭނާ އިންޑިއާއަށް އައި ސަބަބާއި އެހާ ގިނަ ދަތުރުތައް އޮތްއިރު ގަންގާނަގަރުގެ ހޮޓަލެއްގައި މަޑުކުރި ސަބަބުވެސް އަދި އެނގިފައި ނެތް. ރޫމްގެ ފާހާނާ ކައިރިއަށް ހޮޑުލެވިފައި ހުރިކަން ފާހަގަކުރެވުނު. ބެލެވޭ ގޮތުގައި ޑީހައިޑްރޭޓްވެ ލޭގެ ޕްރެޝަރު ދައްވުމުގެ ސަބަބުން ހާޓް އެޓޭކެއް ޖެހުނީ ކަމަށް ވެދާނެ،" އިންޑިއާގެ އާރްޓީ ނަގަރުގެ ފުލުހުންގެ އޮފިސަރަކު މައުލޫމާތު ދެމުން ބުނެފައިވެ އެވެ.

ސުހައިލްގެ މަރުގެ މައްސަލަ ރާއްޖޭގެ އެމްބަސީއަށާއި އިމިގްރޭޝަނަށް އަންގާފައިވާކަމަށް އިންޑިއާގެ ނޫހުން ރިޕޯޓްކޮށްފައިވެ އެވެ. މިހާރު މަޑުކުރަމުންދަނީ އާއިލާއިން ޕޯސްޓްމޯޓަމްގެ ކަންކަން ނިންމަންދެން ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ސުހައިލްއަކީ ގިނައިން ބެންގަލޫރަށް ދަތުރުކުރާ މީހެއްކަމަށް އެ ގައުމުންގެ ފުލުހުން ބުނެ އެވެ. އެގޮތުން ނިމިދިޔަ އޮގަސްޓް މަހު ވެސް ބެންގަލޫރަށް ގޮސްފައިވެ އެވެ.