ކޮވިޑާ ގުޅިގެން ޓޫރިސްޓުން އައުން މަދުވެ، މިދިޔަ ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 93 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 3.9 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު 56.4 މިލިއަން ރުފިޔާ އާއި އަޅާބަލާއިރު 93.08 ޕަސެންޓް މަދު އަދަދެކެވެ.
ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން ރެއަކަށް 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ރެއަކަށް 3 ޑޮލަރެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި 3.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ތެރެއިން 3.5 މިލިއަން ރުފިޔާއަކީ ރިސޯޓްތަކުން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ގެސްޓް ހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 199،956ރ އެވެ. އޭގެ އިތުރުން ސަފާރީތަކުން 195،953.16ރ. އަދި ހޮޓާތަކުން 15،094.56ރ. ލިބިފައިވެ އެވެ.
ޖޫން މަހު އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ މާލެ ނުހިމެނޭ ގޮތަށް ކ. އަތޮޅުންނެވެ. ކ. އަތޮޅުން ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި 1.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ދެން ހުރި ގިނަ އަތޮޅުތަކުން ލިބިފައިވަނީ ތިން ލައްކައަށް ވުރެ މަދު އާމްދަނީއެކެވެ. އަދި ހަތް އަތޮޅަކު ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް އާމްދަނީއެއް ލިބިފައެއް ނުވެ އެވެ. އެއީ ށ އަތޮޅު ފ ތ، ލ، ގދ، ފުވައްމުލައް އަދި އައްޑޫ އެވެ.
ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 3.9 މިލިއަން ރުފިޔާއާއެކު މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނީ 283.8 މިލިއަން ރުފިޔާ އެވެ. އަދި އޭގެ ތެރެއިން 148 މިލިއަން ރުފިޔާ ވަނީ ގްރީން ފަންޑުން ޚަރަދުކުރާ އެކިއެކި މަޝްރޫއުތަކަށް ހޭދަކޮށްފަ އެވެ.
ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެންނެވެ. ގްރީން ޓެކްސް ނަގަނީ ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށެވެ.