ޝްރައްދާ ކަޕޫރަކީ މިހާރު ބޮލީވުޑްގައި ހަރަކާތްތެރި ވަމުން އަންނަ ޒުވާން ތަރިންގެ ތެރެއިން އެންމެ ކާމިޔާބު އެއް ތަރި އެވެ. އެހެން ނަމަވެސް އޭނާއާއެކު މަސައްކަތްކުރާ އެހެން ތަރިންނާ ހިލާފަށް ޝްރައްދާގެ ފިލްމުތައް ފެންނަލެއް ވަރަށް މަދެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ޝްރައްދާ މިވަނީ "ފިލްމަކަށް ފަހު ފިލްމަކަށް" އޭނާ ސޮއި ނުކުރާ ސަބަބު ބުނެދީފަ އެވެ.
ޝްރައްދާ ބުނީ ބޮލީވުޑްގައި އޭނާ ކުރިއަށް ދަނީ އޭނާގެ ހިތްއެދޭ ގޮތަށް ކަމަށާއި ރޭހެއްގައި އުޅެން ބޭނުން ނުވާ ކަމަށެވެ. އެއާއެކު އަވަސް އަރުވާލައިގެން ކާމިޔާބީ ހޯދަން ވެސް ނުޅޭ ކަމަށް ޝްރައްދާ ބުންޏެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި ރިލީޒް ކުރެވިފައިވަނީ ޝްރައްދާގެ މަދު ފިލްމުތަކެއް ނަމަވެސް އެ ފިލްމުތަކަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.
އެ އިންޓަވިއުގައި ޝްރައްދާ ވަނީ އެ ދާއިރާގައި އޭނާގެ ފުރަތަމަ ދުވަސްތަކަށް ވެސް އަލިއަޅުވާލާފަ އެވެ. އެގޮތުން ވަރަށް ގިނަ އޮޑިޝަންތައް ދޭން ޖެހުނު ކަމަށާއި ބައެއް ފިލްމުތައް ހުށައެޅުމަށްފަހު އެ ފިލްމުތައް ގެއްލިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ޝްރައްދާ އެންމެ ފަހުން ފެނިފައިވަނީ ރާޖް ކުމާރު ރާއޯއާއެކު މިއަހަރު ރިލީޒް ކުރެވުނު "ސްޓްރީ 2"އިންނެވެ. އޭގެ ކުރިން އޭނާ ފެެނުނީ މިދިޔަ އަހަރު ރިލީޒްކުރި "ތޫ ޖޫތީ މޭ މައްކާރު"އިންނެވެ.