ދުނިޔޭގައިވާ ގަނޑުފެނުގެ ފަރުބަދަތަކަށް ބަލާއިރު ކޮންމެ މީހެއްގެ ހިތަށް ވެސް އަންނާނީ އެންޓާޓިކާ އެވެ. ޝައްކެއް ވެސް ނެތް ގޮތުގައި އެންޓާޓިކާއަކީ ދުނިޔޭގައި ފެންނަން ހުރި އެންމެ ގިނަ ގަނޑުފެނުގެ ފަރުބަދަތައް ހިމެނޭ ބައްރެވެ.
އެހެން ނަމަވެސް އެންޓާޓިކާގެ ބޭރުން ވެސް ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ގަނޑުފެނުގެ ފަރުބަދައެއް ހުރިކަމަށް ބުނެފިނަމަ ފަހަރުގައި ހައިރާން ވެދާނެ އެވެ.
ސަބަބަކީ އެހެން ބައްރުތަކުގެ ފިނިހޫނުމިނާއި ގުދުރަތީ ސިފަތަކުގެ ސަބަބުން ގަނޑުފެނުގެ ފަރުބަދައެއް އުފެދެން ނާދިރު ކަމަށް ސިކުނޑިއަށް ގަބޫލުކުރަން ދަތިވާތީ އެވެ.
އެހެން ނަމަވެސް މިއީ ހަގީގަތެކެވެ. އެންޓާޓިކާއިން ބޭރުގައި ވެސް ގަނޑުފެނުގެ ބޮޑު "ވާދީ"އެއް ފެންނަން އެބައޮތެވެ. ދައްކަން މިއުޅެނީ އާޖެންޓީނާގެ ލޮސް ގްލާސިއަރެސް ނެޝަނަލް ޕާކްގެ ވާހަކަ އެވެ.
އާޖެންޓީނާގެ ހުޅަނގު ދެކުނު އަވަށެއް ކަމަށްވާ ސެންޓަ ކްރޫޒްގައިވާ މި ޕާކަކީ 600،000 ހެކްޓަރުގެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ޕާކެކެވެ.
އާޖެންޓީނާއާއި ޗިލީ ގުޅޭ ބޯޑަރު ކައިރީގައި އޮންނަ މި ޕާކުގެ ބޮޑު ސަރަހައްދެއް ގަނޑުފެނުގެ ފަރުބަދައަކުން ފޮރުވިފައިވާއިރު އެތަނުގެ ނަން ވެސް ހާއްސަ ކުރެވިފައިވަނީ މި ހާއްސަ ސިފައަށެވެ.
ލޮސް ގްލާސިއަރެސް ނެޝަނަލް ޕާކްގައި ގަނޑުފެނުގެ ފަރުބަދަތަކުގެ އިތުރުން 160 ކިލޯމީޓަރު ދިގު ފެންގަނޑަކާއި ވަށައިގެންވާ ގަސްގަހާގެހީގެ ފެހިކަން ވެސް ފެނެ އެވެ.
އެއާއެކު މި ޕާކަށް އިތުރު ފުރިހަަމަ ކަމެއް ގެނެސްދެނީ މިތަންތަނާ ގުޅިފައިވާ އެތަނުގައި ދިރިއުޅޭ އެތައް ހާސް ވައްތަރެއްގެ ދިރުންތަކުންނެވެ.
ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ލިސްޓު ކުރެވިފައިވާ ލޮސް ގްލާސިއަރެސް ނެޝަނަލް ޕާކްއަކީ އެންޓާޓިކާގެ ބޭރުން އެންމެ ބޮޑު ސަރަހައްދަކަށް ގަނޑުފެން ފެތުރިފައިވާ ތަން ކަން ފާހަގަ ކޮށްލެވެ އެވެ.
ލޮސް ގްލާސިއަރެސް ނެޝަނަލް ޕާކްއަށް ކޮންމެ އަހަރަކު ވެސް އެތައް ހާސް ބަޔަކު ޒިއާރަތް ކުރެ އެވެ. އެތަން ވެފައިވަނީ އާޖެންޓީނާއަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަމުގެ ރަމްޒަކަށެވެ.