ޗައިނާގެ އެހީގައި މާލެ އާއި ވިލިމާލޭގެ ހުރިހާ މަގުތަކެއް ތަރައްގީކުރުމަށް ނިންމާފައިވާ މަސައްތަކަށް ބޭނުންވާ ދިރާސާކޮށް ނިންމާލައިފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކަމާ ގުޅުންހުރި ފަރާތްތަކާ އެކު މަޝްވަރާކޮށް ރާއްޖޭގެ މަގުތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ނިންމާލާފައިވާ ކަމަށެވެ. އަދި މަގުތައް ތަރައްގީކުރުމަށް ބޭނުންވާ ފީސިބިލިޓީ ޓެސްޓު ވެސް ބުރާސްފަތި ދުވަހުގެ ނިޔަލަށް ނިމިފައިވާ ކަމަށް އެ މިނިސްޓަރީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ދެން ކުރިއަށް ގެންދާނީ މަގުތައް ތަރައްގީކުރުމަށް ބޭނުންވާ ޑިޒައިން ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް ވެސް އެ މިސްޓްރީން ބުނެ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރިން ބުނެފައިވަނީ މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތަކުގައި ތާރު އަޅައި ތަރައްގީކުރާނެ މަކަށާއި އެކަން ކުރާނީ، ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓު އަޕްގްރޭޑްކޮށްފައި ކަމަށެވެ. އަދި ފަޔާ ހައިޑްރަންޓް ނިޒާމާއި ސްޓޯމް ވޯޓާ ނިޒާމް ވެސް ގާއިމު ކުރާނެ ކަމަށް ބުނެފައިވެ އެވެ.

މާލޭގެ މަގުތަކުގެ ހާލަތު ދައްވެ ވިއްސާރަވުމުން މަގުތަކުގައި ފެންބޮޑުވެ އާންމުނަށް ތަކުލީފުތަކާއި ކުރިމަތިލާން ޖެހިފައިވާތީ އެކަން ހައްލުކުރުމަށް މާލޭގެ މަގުތައް ތަރައްގީކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.