ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ސައިފް އަލީ ޚާން އާއި އަމްރިތާ ސިން އަކީ ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި އެބައެއްގެ ތައުރީފެއް ބޭނުން ނުވާހާ ބޮޑަށް މަޝްހޫރުކަން ހޯދާފައިވާ ތަރިންނެވެ.

އެ ދެތަރިންގެ ހުނަރުގެ އިތުރުން އާންމުންނާ ހަމައަށް ގެނެސްދީފައިވާ ކާމިޔާބު ފިލްމުތަކުން ގިނަ ބައެއްގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވާއިރު، ދެ ތަރިންގެ ލޯބީގެ ވާހަކައަކީ ވެސް ފިލްމު އިންޑަސްޓްރީގައި މިއަދާ ހަމައަށް ދެކެވޭ ވާހަކަތަކެވެ.

އެގޮތުން ސައިފް އާއި އަމްރިތާ ލޯބީގެ ގޮތުން ގުޅުނު އިރު، ދެ މީހުންގެ އުމުރުގެ ތަފާތުކަން ފާހަގަކޮށް އެ ޖޯޑަށް ގިނަ ބައެއްގެ ފާޑުކިޔުންތަކާއި ކުރިމަތިލާން ޖެހުނެވެ.

ދެ ތަރިން ކައިވެނީގެ ގޮތުން ގުޅުނީ 1991 ވަނަ އަހަރު އެވެ. އޭރު އަމްރިތާގެ އުމުރަކީ 33 އަހަރެވެ. އަދި ސައިފުގެ އުމުރަކީ 21 އަހަރެވެ.

އަމްރިތާ ވަނީ ކައިވެނީގެ ކުރިން އިސްލާމް ދީން ގަބޫލުކޮށްފަ އެވެ. އަދި ކައިވެނި ކޮށްފައި ވަނީ އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ނަމަވެސް ކައިވެންޏަށް 13 އަހަރު ފުރުނު ފަހުން ދެތަރިން ވަނީ އެކަކު އަނެކަކާ ވަކިވާން ނިންމައިފަ އެވެ. ގިނަ ބަޔަކު ގަބޫލުކުރި ގޮތުގައި ކައިވެނި ރޫޅާލީ ސައިފެވެ. އަދި އޭނާ ކައިވެނީގެ ތެރެއިން އަމްރިތާ މަތިން ފޫހިވީ ކަމަށް އާންމުން ލަފާކުރި އެވެ.

ނަމަވެސް ސައިފް ވަނީ އާންމުންގެ ތެރޭގައި ދެކެވޭ މިފަދަ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި އޭނާ ސަބަބަކާ ނުލައި ކައިވެނި ރޫޅާ ނުލާ ކަމަށާއި، އަމްރިތާ ދެކެ އިންތިހާއަށް ލޯބިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

ސައިފް ބުނިގޮތުގައި ކައިވެނި ރޫޅެން ދިމާވީ، ކައިވެނީގެ އެތައް އަހަރުތަކެއް ފަހުން އަމްރީތާގެ އުޅުމަށާއި މިޒާޖަށް ބަދަލުތަކެއް އަންނަން ފެށުމުންނެވެ.

އެގޮތުން ކުދި ކުދި ކަންކަމާ ގުޅިގެން ސައިފްއާ ދިމާލަށް ބާރަށް ހަޅޭއްލަވައި ޒުވާބުކުރުން އަމްރިތާގެ އާދައަކަށްވި ކަމަށް ސައިފް ބުނެފައިވެ އެވެ. އަދި އެ މައްސަލަ ބޮޑުވެ، އެކީގައި ދިރިއުޅެން އުނދަގޫވުމުން ވަކިވާން ނިންމީ ކަމަށް ސައިފް ބުނެފައިވެ އެވެ.

ސައިފް އާއި އަމްރިތާ ކައިވެނީގެ ގޮށް މޮހާލީ 2004 ވަނަ އަހަރު އެވެ. ދެތަރިން ވަކިވި އިރު އެ ދެމީހުންނަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައިވެ އެވެ.