އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ނައިބު ރައީސް އަބްދުއްސަލާމް އާއި މެންބަރު ތޯހާ މުހައްމަދުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކޮށްފި އެވެ.

މި ދެ މެންބަރުން މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ސަލާމް އާއި ތޯހާގެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ރިޒާ ވިދާޅުވީ އެ ދެ މެންބަރުންގެ މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި ގާނޫނާ ހިލާފު ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން އޭސީސީގެ ނައިބު ރައީސް ސަލާމަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި:

  • ކުރީގެ ބަންޑާރަ ނައިބެއްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ދައުވާ ކުރެވޭ ވަރަށް ހެކި ހުރި ނަމަވެސް، އެ މައްސަލައިގައި ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައި އެ މައްސަލަ ފައިލް ކުރުމުގައި އިސް ދައުރެއް އަދާކުރުން.
  • ބިންވެރިޔާ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޕްރިލިމިނަރީ އިންވެސްޓިގޭޝަނުން ސަޖެސްޓު ކޮށްފައި ވަނިކޮށް، އިންވެސްޓިގޭޝަން އޯވާސީ ކުރާ އިސްފަރާތުގެ ހައިސިއްޔަތުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުރުސަތު ނުދީ މައްސަލަ ހުއްޓުވުން.
  • ބިންވެރިޔާ މައްސަލަ ހުއްޓުވުމުގައި އަމިއްލަ މަސްލަހަތު އިސްކޮށް، ވަކި ސިޔާސީ ޕާޓީއަކަށް ގެއްލުންވެދާނެތީ މަސައްކަތް ކޮށްފައިވުން
  • އޭސީސީގެ އޮނިގަނޑަށް ބަދަލުގެނެސް ފޮރެންސިކް ސެކްޝަން އުފައްދައި އެތަނުގެ ހެޑަކަށް ގާތް މުވައްޒަފެއްލުން
  • އޭސީސީގެ އޮނިގަނޑު އިސްލާހުކޮށް އާ ޑިޕާޓްމަންޓެއް ހަދައި ގާތް މުވައްޒަފަކު ހެޑަކަށް ލާން މަސައްކަތް ކޮށްފައިވޭ އަދި އެކަމުގައި އިސް ދައުރެއް އަދާކުރި.
  • ބޭނުންވާ މައްސަލަތައް ވަކި ގޮތަކަށް ނިންމަން މެންބަރުންނަށް ބާރު އެޅުމުން އަންގާ ގޮތަކަށް މެންބަރުން މައްސަލަތައް ނިންމުން
  • ނުފޫޒު ފޯރުވައިގެން ބޭނުންވާ މައްސަލައެއް ބޭނުންވާ ދުވަހަކަށް އެޖެންޑާކޮށް ކުރިއަށް ގެންދިއުން

އޭސީސީގެ މެންބަރު ތޯހާގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި:

  • އޭސީސީން ވަކި ކުރި މުވައްޒަފެއްގެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނިކޮށް، ނުފޫޒުން އެ އިސްތިއުނާފު ބާތިލުކޮށް ކުރިން އޭސީސީން އަމަލު ކޮށްފައި ނުވާ ގޮތަށް އެ މުވައްޒަފު އެހެން ދެ ތަނެއްގައި ވަޒީފާ އަދާކުރަމުންދިޔަ މުއްދަތު ހިމަނައިގެން ކޮމިޝަނުގެ ލީގަލް ޓީމުގެ ލަފަޔާ ހިލާފަށް ދެ ލައްކައަށްވުރެ ގިނަ ރުފިޔާގެ ބަދަލުދިނުން
  • ކުރީގެ ބަންޑާރަނައިބެއްގެ މައްޗަށް ކުރެވުނު ތުހުމަތެއްގައި ދައުވާ ކުރެވޭ މިންވަރަށް ހެކި ހުރި ނަމަވެސް، ދައުވާ ނުކޮށް މައްސަލަ ފައިލް ކުރުމުގައި އިސް ދައުރެއް އަދާކުރުން
  • އޭސީސީގެ މެންބަރުންނަށް އެހެން ވަޒީފާއެއް އަދާ ކުރުމަކީ މަނާކަމެެއް ކަމަށް ބުނެފައިވާއިރު ރާއްޖޭގެ ލޯފާމެއްގެ އެޓާނީންގެ ތެރޭގައި ހިމެނުން

ސަލާމް އާއި ތޯހާގެ އިތުރުން އިލެކްޝަން ކޮމިޝަންގެ ތިން މެންބަރަކު ވަކިކުރުމަށްވެސް އިއްޔެ ބޭއްވި ކޮމިޓީގެ ސިއްރު ބައްދަލުވުމުގައި ވަނީ ހާޒިރުވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ.