އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާމާާއި ގުޅިގެން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމުގެ ކުރިން ފަލަސްތިނާއި އަރަބި ގައުމުތަކުގެ ބަހެއް ހޯދަންޖެހޭ ކަމަށް ސަރުކާރަށް ނިސްބަތްވާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.

އޭރު އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި މަޖިލީހަށް ބިލެއް ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ. މި ބިލު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވީ ޖޫން 10 ގައެވެ. އޭރުއްސުރެ މި ބިލު މަޖިލީހުގައި ވަނީ ކުރިއަށް ނުގޮސް ތާށިވެފަ އެވެ.

މިއަދު އޮތް މި ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ފަލާހު ވިދާޅުވީ މި މައްސަލަ އަކީ އަވަސް އަރުވާލައިގެން ނިންމޭނެ މައްސަލައެއް ނޫން ކަމަށެވެ.

"އަޅުގަނޑަށް ފާހަގަކުރެވޭ ގޮތުގަ ފަލަސްތީނުގެ ބަހެއް. އެ ގައުމުގަވެސް ވެރިން އެބަތިބި ކަމާ ގުޅުންހުރި އިދާރާތައް އެބަހުރި. ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އައުން މަނާކުރުމުން އެބޭފުޅުންނަށް އެ ގައުމަށް މިކަމުގަ ކިހާ މަންފާއެއް ފައިދާއެއް ހުރިތޯ. އެބޭފުޅުންނަށް ލިބޭނެ ހިތްހަމަ ޖެހުމެއް އުފާވެރިކަމެއް އޮތްތޯ، އަދި އަރަބި ގައުމުތަކާއި ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކުގެ ވެސް ކަމާ ގުޅުންހުރި އިދާރާތަކުގެ ވެސް ލަފައާއި މަޝްވަރާ ހޯދަންޖެހޭ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމާ، ސަރުކާރުން އެކަން އިއުލާންކޮށްފައިވަނީ މިއަހަރު ޖޫން މަހު އެވެ. ނަމަވެސް މިކަމުގައި އަޅަން ޖެހޭ އަމަލީ ފިޔަވަޅުތައް ނާޅާ ސަރުކާރުން ވަނީ އެތައް ބަހަނާއެއް ދައްކާފަ އެވެ. މި މައްސަލަ ނިންމަން އެތައް މުހުލަތެއް ކުރިން ކަނޑައެޅި ނަމަވެސް މައްސަލަ ނުނިމި މުއްދަތުވަނީ އެތައް ފަހަރު އިތުރުކޮށްފަ އެވެ.

ކަން މިހެން އޮތް ނަމަވެސް ސަރުކާރުން އަދިވެސް ބުނަމުންދަނީ ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް ނުހުއްޓޭނެ ކަމަށާއި އެ މަސައްކަތް ވީހާ ވެސް އަވަހަށް ނިންމާނެ ކަމަށެވެ.