ވޯލްޑް ޓްރެވަލް އެވޯޑްސްގައި ދުނިޔޭގެ ލީޑިން ސީޕްލޭން އޮޕަރޭޓަރުގެ މަގާމު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ލިބިއްޖެ އެވެ.

މިދިޔަ އާދިއްތަ ދުވަހު ޕޯޗުގަލްގައި ބޭއްވި މި އެވޯޑު ދިނުމުގެ ހަފުލާގައި އެ އެއާލައިނަށް ވަނީ ދުނިޔޭގެ ލީޑިން ސީޕްލޭން އޮޕަރޭޓަރުގެ މަގާމުގެ އިތުރުން އިންޑިއަން އޯޝަން ބެސްޓް ސީޕްލޭން އޮޕަރޭޓަރުގެ އެވޯޑު ވެސް ލިބިފަ އެވެ. މިއީ މި އެވޯޑު ވިދިވިދިގެން އެ އެއާލައިނަށް ލިބުނު 10 ވަނަ ފަހަރެވެ.

ޓީއެމްއޭ 1993 ވަނަ އަހަރު އުފެދުނީއްސުރެ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތަށް އެ އެއާލައިން ވަނީ ވަރަށް ބޮޑަށް ހިދުމަތް ފުޅާކޮށްފަ އެވެ. އެގޮތުން ޓީއެމްއޭގައި މިހާރު ޑީއެޗްސީ-6 ޓްވިން އޮޓާ މަރުކާގެ އޮޕަރޭޓް 65 ބޯޓު ކުރެ އެވެ. މީގެ އިތުރުން ރިސޯޓް ބްރޭންޑްގެ 13 ބޯޓާއި ވީއައިޕީ ކޮންފިގާޑް ދެ މަތިންދާ ބޯޓު ހިމެނޭ ގޮތަށް ޓީއެމްއޭ އިން 16 އަތޮޅުގެ 80 އަށް ވުރެ ގިނަ ރިސޯޓަށް ކޮންމެ ދުވަހަކު 400 އަށް ވުރެ ގިނަ ދަތުރު ކުރެ އެވެ.

ޓީއެމްއޭއަށް މި އެވޯޑުތައް ލިބުމުގައި އެ އެއާލައިނުން ރާއްޖޭގެ ރިސޯޓުތަކަށް ޓޫރިސްޓުން އުފުލުމުގައި ދެމުން އަންނަ ފެންވަރު ރަނގަޅު ހިދުމަތް ވަރަށް މުހިންމު ދައުރެއް އަދާކުރެ އެވެ. އަދި އެއާލައިނުން މަސައްކަތް ކުރަނީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމުގައި މުހިންމު ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމަށް ކަމަށް ވެސް ޓީއެމްއޭ އިން ބުނެ އެވެ.

ޓީއެމްއޭގެ ސީޕްލޭނެއް ރިސޯޓަކުން ނައްޓާލަނީ. ފޮޓޯ: ޓީއެމްއޭ

މި އެވޯޑު ލިބުމާ ގުޅިގެން ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ ވިދާޅުވީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ޝަރަފުވެރި އެވޯޑްތައް ލިބުމަކީ އެ އެއާލައިނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"މިދިޔަ ދިހަ އަހަރު މި އެވޯޑު ލިބުނީ އަޅުގަނޑުމެން ދެމުން އަންނަ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިއުމުން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ ސީޕްލޭން އޮޕަރޭޝަންގެ މިންގަނޑުތައް އިތުރަށް ކުރިއަރުވައި، ކޮންމެ ފްލައިޓަކީ ވެސް އުންމީދުކުރި މިންވަރަށް ވުރެ ފެންވަރު ފަދަ ތަޖުރިބާއެއްކަން ކަށަވަރުކުރުން،" އޭނާ ވިދާޅުވި އެވެ.

ފައުޒީ ވިދާޅުވީ ޓީއެމްއޭ އިން މަސައްކަތް ކުރާނީ އެ އެއާލައިންގެ ޕާޓްނަރުންނާ ގުޅިގެން ރާއްޖޭގައި މަތީ ފެންވަރުގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ކަމަށެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ކާމިޔާބީތަކުގެ އިތުރުން ޓީއެމްއޭ އިން ވަނީ 2024 ވަނަ އަހަރު ފާހަގަކޮށްލެވޭ އެހެން ކާމިޔާބީތަކެއް ވެސް ހޯދާފަ އެވެ. އެގޮތުން އެ އެއާލައިނުން ވަނީ ސައުތު އޭޝިއަން ޓްރެވަލްގެ ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑާ (އެއާ) ގެ މަގާމު ހޯދައިފަ އެވެ.

ޓީއެމްއޭއިން ބުނިގޮތުގައި ރާއްޖޭގެ ޓޫރިޒަމް ރެކޯޑް މިންވަރަކަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭތީ، އެ އެއާލައިނުން އަންނަނީ އިތުރަށް އިންވެސްޓްކުރަމުންނެވެ. މިގޮތުން ދާދި ފަހުން ރިސޯޓް ބްރޭންޑްގެ އާ ދެ މަތިންދާ ބޯޓެއް ތައާރަފްކޮށްފައިވެ އެވެ.