ކުރާ ހަރަދުގެ އެއްވެސް ތަފުސީލެއް ނުދީ ސަރުކާރުން ރައްޔިތުންގެ މަޖްލިސްއަށް ފޮނުވި 56.6 ބިލިޔަން ރުފިޔާ ބޮޑު ބަޖެޓް މިއަދު ފާސްކޮށްފި އެވެ.

ފެހި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން އެއްވެސް ތަފުސީލެއް ނުދީ މަޖްލިސްއަށް ފޮނުވި ހަމައެކަނި ބަޖެޓް ފާސްކުރީ ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހަޅައި ބަހުސްކުރުމަށްފަހު، ޕީއެންސީއާއި ސަރުކާރަށް ތާއީދުކުރާ 70 މެންބަރުންގެ ވޯޓުންނެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ބަޖެޓް މަޖިލީހަށް ހުށައެޅުއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. ބަޖެޓުގައި، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ހިމަނާފައިވަނީ 49.2 ބިލިޔަން ރުފިޔާ އެވެ. އޭގެ ތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާ ހިމަނާފައިވެ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީއަށް ހިނގާނެ ކަމަށް ލަފާކޮށްފައި ވަނީ 12.4 ބިލިއަން ރުފިޔާ އެވެ. އަދި ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 39.7 ބިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއެކު 6.6 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި އަހަރުގެ ތެރޭގައި ރިފޯމުތައް ތަންފީޒުކުރަން ވެސް ހިމަނާފައިވެ އެވެ.

ބަޖެޓު ކޮމިޓީގައި ޕީއެސްއައިޕީއަށް ހުށަހަޅާ ޕްރޮގްރާމްތައް ކްރައިޓީރިއާތަކަށް ރިއާޔަތްކޮށްގެން ތަރުތީބު ކުރުމަށާއި އަމަލީ މަސައްކަތް ނިންމާނެކަން އެނގޭނެ ލިސްޓެއް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން މަޖިލީހަށް ފޮނުވާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ސަރުކާރުން މިހާތަނަށް ހިންގުމަށް ސޮއިކުރި މަޝްރޫޢުތަކުގެ ތެރެއިން ކުރިއަށްދާނެ މަޝްރޫއުތަކާއި ކުރިއަށް ނުގެންދެވޭނެ މަޝްރޫއުތައް އެނގޭނެ ގޮތަށް އަންނަ އަހަރުގެ މާޗު މަހުގެ ކުރިން ހުށަހެޅުމަށް ވެސް ވަނީ ލަފާދީފަ އެވެ.

މީގެ އިތުރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ މަސައްކަތް އަންގައިދޭ ޕްރޮގްރެސް ރިޕޯޓެއް އަންނަ އަހަރުގެ ކޮންމެ ކުއާޓަރެއްގައި މަޖިލީހަށް ހުށަހެޅުމަށް ވެސް ބަޖެޓް ކޮމިޓީން ހުށަހެޅި އެވެ. ނަމަވެސް އެ ލަފާތައް ނުހިމެނުމަށް ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށްފަހު 68 މެންބަރުންގެ ވޯޓުން ވަނީ ފާސްކޮށްފަ އެވެ.