ޕީއެންސީގެ ޗެއާޕާސަން އަދި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޔާސީ ބާރު ނުދީފިނަމަ ޕީއެންސީ ދޫކޮށްލާނެކަމުގެ އިންޒާރު ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ދީފި އެވެ.

މިއަދު މަޖިލިސް އިދާރާގައި ބޭއްވި ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ދެ މިނިސްޓަރުން ކަމަށްވާ އަލީ އާރިފް އާއި އަބްދުﷲ ނާސިރު ވަނީ ބައިވެރިކޮށްފަ އެވެ.

އެ ބައްދަލުވުމުގައި ޕީއެންސީގެ ބައެއް މެންބަރުން ވަނީ ކެބިނެޓް ތިން މިނިސްޓަރަކު ވަކިކުރުމަށާއި ޕާޓީ ހިންގުމުގެ ބާރު އަބްދުއްރަހީމަށް ދިނުން ހިމެނޭހެން ގިނަ ޑިމާންޑުތަކެއްކޮށްފަ އެވެ.

ރައީސް މުއިއްޒު އެކަންކަން ނުކުރާނަމަ ޕާޓީ ދޫކޮށްލަން ފަސްނުޖެހޭނެ ކަމުގެ އިންޒާރު އޭގެ ތެރެއިން މެންބަރުން ދީފައިވާކަމަށްވެ އެވެ.

މިއަދު މެންދުރު ބޭއްވި އެބައްދަލުވުމުގައި ބައިވެރިވި ޕީއެންސީގެ މަޖިލިސް މެންބަރަކު "ހުރިހާ" އަށް ވިދާޅުވީ މިއަދު ރައީސް އޮފީސް ދެ މިނިސްޓަރުން ހާޒިރުކޮށްގެން ކުރިއަށް ދިޔަ ޕީޖީ ގްރޫޕްގެ ބައްދަލުވުން ވަރަށް ހޫނުވެގެންދިޔަ ކަމަށެވެ. އެގޮތުން ބައެއް މެންބަރުން ވަނީ އަބްދުއްރަހީމް ސަރުކާރުތެރެއިންނާއި ޕާޓީގެ ތެރެއިން ބާކީ ކުރާކަމަށް ތުހުމަތުކޮށްފައިކަމަށް އެ މެންބަރު ވިދާޅުވި އެވެ.

އެހެންކަމުން އަބްދުއްރަހީމް ބޭނުންވާ ބަދަލު ގެނައުމަށް ކެބިނެޓް ތިން މިނިސްޓަރަކު ވަކިކޮށް ޕާޓީ ހިންގުމުގެ ބާރު އޭނާއަށް ނުދީފިނަމަ ޕާޓީ ދޫކޮށްލާނެކަމުގެ އިންޒާރު ދިންކަމަށްވެސް އެ މެންބަރު ވިދާޅުވި އެވެ.

ޕީއެންސީ ތެރޭގައި ރައީސް މުހައްމަދު މުއިއްޒުގެ ފެކްޝަންއާއި މަޖިލިސް ރައީސް އަބްދުއްރަހީމްގެ ފެކްޝަންގެ އެއް އުފެދި ނުތަނަވަސްކަން އުފެދިގެން އުޅޭތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.

ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އަބްދުއްރަހީމަކީ އެމަނިކުފާނުގެ ރޯލް މޮޑަލްކަމަށް ވިދާޅުވި ނަމަވެސް، ރައީސް މިހާރު ގެންދަވަނީ އަބްދުއްރަހީމްގެ ސިޔާސި ބާރު ކަނޑުވާލުމަށް މަސައްކަތް ކުރައްވަމުންކަމަށް ޕީއެންސީގެ ބައެއް މެންބަރުން ބުނެ އެވެ.