އުތުރު ތިލަފަޅުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ބަނދަރަކާއި ޑޮކްޔާޑެއް ގާއިމް ކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ އެކު ގާއިމް ކުރި އެއްބަސްވުން ހާމަ ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލަ އެޖެންޑާ ނުކުރެވޭނެ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީސް ފަށްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މި މައްސަލަ މި އޮތް ގޮތަށް މި ދައުރުގައި ކުރިން ބޭއްވި ޖަލްސާއެއްގައި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވެސް ހުށަހެޅުއްވި ކަމަށެވެ.

މިއަދު އިދިކޮޅުން ކުއްލި މައްސަލަ ހުށައެޅުއްވީ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދެވެ. ފަޒުލް ހުށައެޅުއްވި މައްސަލައިގައި ވަނީ ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތަށް ނުރައްކާވާ ގޮތަށް އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތަށް އޮތް އެއްބަސްވުންތަކާއި އުތުރު ތިލަފަޅުގެ އެއްބަސްވުން ހާމަ ކުރުމަށެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދެ ވަނަ މާއްދާގައި، ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ ގައުމެއް ކަމަށާއި، ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ނ)ގައި، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ދީގެން ނުވާނެ ކަމުގައި ބަޔާންކޮށްފައިވާއިރު އުތުރުތިލަފަޅު ތަރައްގީ ކުރުމާބެހޭ ގޮތުން އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ އެގްރީމަންޓުގައި ދިވެހިރާއްޖޭގެ ސިޔާދަތާއި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ޙައްސާސް އެތައްކަމެއް ހިމެނޭކަން ފަޒުލްހުށައެޅުއްވި މައްސަލައިގައި ވެ އެވެ. އަދި އެ އެގްރީމަންޓް ސިއްރުކޮށްފައިވާތީއާއި އެ ކަމުގެ ސަބަބުން ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދުގައިވާ ޒަމާންވީ އަޚުވަންތަ ގުޅުމާއި އިތުބާރަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި. ފޮޓޯ: މަޖްލިސް

އެ އެގްރީމަންޓުގައި، އުތުރުތިލަފަޅުގައި ދިގު މުއްދަތަކަށް އިންޑިއާ ސިފައިން ތިބޭގޮތަށާއި އެތަން ހިންގުމާއި ބެލެހެއްޓުމާއި އެތަނުގެ ވަޞީލަތްތައް ބޭނުންކުރުމުގައި އިންޑިއާގެ ރުހުން ހޯދަންޖެހޭގޮތަށް އޮތުމަކީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށާއި ޤައުމުގެ ސިޔާދަތަށް ނުރައްކާވާނެ ކަންކަމަށް ދެކޭތީ އެއްބަސްވުން ހާމަކުރުމަށް ގޮވާލާފައިވެ އެވެ.

ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ ފަޒުލްގެ ކުއްލި މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

"އަޅުގަނޑު މި ތަނުގައި އެއްޗެހި ފޮރުވާކަށް ކަންކަމެއް ނުކުރަން. ނަމަވެސް އަޅުގަނޑު މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭ. ގަވާއިދަށް މި ކަންކަން ކުރިއަށް ގެންދަން ޖެހޭ. ވަރަށް ހިތާމައާއެކު ދަންނަވަން ޖެހޭ ފެލިދޫ ދާއިރާގެ މެންބަރުގެ ކުއްލި މައްސަލަ ބަލައިގަނެވޭކަށް ނެތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އުތުރުތިލަފަޅާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް މައްސަލަތަކެއް ހުށައެޅިފައިމިވަނީ އުތުރުތިލަފަޅު ތަރައްގީކުރުމާ ގުޅޭގޮތުން އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުން އިންޑިޔާ ސަރުކާރާއެކު ހަދާފައިވާ އެއްބަސްވުމުގެ ޑްރާފްޓެއް ލީކުވެފައިވަނިކޮށެވެ.

މިއެއްބަސްވުން ލީކުވުމާ ގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ އެއީ ފޭކު އެއްބަސްވުމެއް ކަމަށެވެ. އަދި ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަން އަންނާނެ އެއްވެސް ކަމަކަށް ދިވެހި ސިފައން ޖާގަ ނުދޭނެ ކަމަށެވެ.