ބަލި މީހަކަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދިން އެހީއާ ގުޅޭ ހުރިހާ ތަފުސީލެއް ހާމަކުރުމަށްފަހު އެ އިދާރާ އިން ރޭ މާފަށް އެދިއްޖެ އެވެ.

ކެންސަރުގެ ބައްޔަށް ފަރުވާ ހޯދާ އާއިލާ މެންބަރަކަށް އެންސްޕާއިން ދޭ އެހީއާ މެދު ކަންބޮޑުވުން ފާޅުކޮށް މީހަކު ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރުމުން އެންސްޕާ އިން ވަނީ ބަޔާނެއް ނެރެ އެ ބަލިމީހާ އަށް މިދިޔަ އަހަރުން ފެށިގެން ދޫކުރި ފައިސާގެ އެހީގެ ހުރިހާ ތަފުސީލެއް އާންމުކޮށްފަ އެވެ.

ބަލިމީހާގެ އާއިލާ މެންބަރު ސޯޝަލް މީޑިއާގައި ދައްކާފައިވަނީ ދޮގު ވާހަކަތަކެއް ކަމަށް ބުނެ އެންސްޕާއިން ތަފްސީލު އާންމުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އެ އެޖެންސީއަށާއި އެޖެންސީގެ ސީއީއޯ ހީނާ ވަލީދުއަށް އަމާޒުވި އެވެ.

ފާޑުކިޔުންތަކާ އެކު އެންސްޕާ އިން ވަނީ އެކަމަށް މާފަށް އެދި މިހާރު ވަނީ އެ ނޫސް ބަޔާން ސޯޝަލް މީޑިއާއިން ޑިލީޓް ކޮށްފަ އެވެ.

އެންސްޕާ އިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބަލިމީހާ އަށް ދިން އެހީގެ މައުލޫމާތު އާންމު ކުރެވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަށްޓަކައި މާފަށް އެދޭ ކަމަށެވެ.

އެންސްޕާއިން ބަލި މީހަކަށް ދިން އެހީގެ ތަފްސީލު ހާމަކޮށްފައިވަނީ ރައީސް މުއިއްޒު ޕްރޮމޯޓްކުރުމަށް ލޯންޗްކުރި އެމްއެމް ޓީވީ ޗެނަލް ހިންގާ ކުންފުނި މޯލްޑިވްސް މީޑިއާ ހައުސް އާއެކު އޮފީސް ހިންގުމަށް އިމާރާތެއް ކުއްޔަށް ހިފުމުގައި ކޮރަޕްޝަންއަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެ އެޖެންސީއަށް ތުހުމަތުތަކެއް ކުރެވުނު ވަގުތު އެވެ.

ހިޔާނާތް ފަޅާއެރުމުން އެންސްޕާއިން ނެރުނު ބަޔާނެއްގައި ބުނީ އިމާރާތް ކުއްޔަށް ހިފުމުގެ އެއްބަސްވުން ހެދީ "އުސޫލުގެ ތެރެއިން" ކަމަށެވެ. އަދި އެކަމުގައި އެ އެޖެންސީއަށް ގޯސްވީ ހިޔާނާތުގެ ވާހަކަ ދެއްކި މީހުނާއި އެންސްޕާގެ އެހީއާ މެދު ކަންބޮޑުވުން ފާޅުކުރި ބަލި މީހެއްގެ އާއިލާ މީހަކު އެވާހަކަ ދެއްކުމުންނެވެ.

ފާޑުކިޔުން އަމާޒުވުމުން އެންސްޕާއިން މީޑިއާ ހައުސްއާއެކު ހެދި އެއްބަސްވުން ވަނީ އުވާލާފަ އެވެ.