ގަލޮޅު ސަހަރާގެ ދެ ސަރަހައްދަކުން ގަބުރުތައް ނެގުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ސަހަރާގެ ދެ ސަރަހައްދަކުން ގަބުރުތައް ނެގުމަށް ކައުންސިލުން ނިންމިއިރު، ގަބުރުތައް ނަގާ ސަރަހައްދުތަކުގައި ހުރި މަހާނަ ގާތައް ބޭނުންވާ ފަރާތްތަކަށް މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެކަން ކުރުމަށް ކައުންސިލުން ވަނީ އަންގާފަ އެވެ.

ގަލޮޅު ސަހަރާގެ ބައެއް ސަރަހައްދުން ގަބުރުތައް ނެގުމަށް ނިންމީ އެތަނުގައި މިހާރު ކުރަމުންދާ މަސައްކަތަކާ ގުޅިގެން ކަމަށް ސިޓީ ކައުންސިލުން ބުނި ނަމަވެސް އެއީ ކޮން މަސައްކަތެއްކަން ކައުންސިލުން ހާމަކޮށްފައެއް ނުވެ އެވެ.

ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ގަލޮޅު ސަހަރާގެ އިރު ދެކުނު ފަރާތާއި ހުޅަނގު އުތުރު ފަރާތުގައި ހުރި ގަބުރުތަކެއް ނަގަން ޖެހިފައިވާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ނުނަގާ ހުންނަ ގަބުރުތައް ނައްތާލާނެ ކަމަށް ވެސް ކައުންސިލުން ބުނެފައިވެ އެވެ.

ސިޓީ ކައުންސިލުން މިކަން މިގޮތަށް ނިންމިކަން އިއުލާނު ކުރީ މާފަންނު ސަހަރާގައި ހުރި ކަށިތައް ނަގައި އެ ސަރަހައްދު ހުސްކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މާފަންނު ސަހަރާގެ ސަރަހައްދު ހުސްކުރުމަށް މަސައްކަތް ކުރަމުން ދަނީ އެތަން ހުރި ބިމުގައި ޕާކިން ބިލްޑިންގް އެއް އެޅުމަށް ސަރުކާރުން ނިންމާފައިވާތީ އެވެ.