ބޮލީވުޑުން އާއްމުންގެ މަގުބޫލުކަން ހޯދި ޕްރިޔަންކާ ޗޯޕްރާއަކީ މިހާރު ހޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ކުޅަދާނަ ފަންނާނެކެވެ. އެހެން ނަމަވެސް ދުވަސް ދުވަސްކޮޅުން އޭނާ އެނބުރި ބޮލީވުޑަށް އަންނަ ވާހަކަ މީޑިއާއަށް ފެންމަތިވެ އެވެ.

ދާދި ފަހުން އިންޑިއާއަށް ކުރި ދަތުރެއްގައި މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނެފައިވަނީ އިންޑިއާއަށް ކުރާ ދަތުރުތަކުގައި ޕްރޮޑިއުސަރުންނާ ބައްދަލުކޮށް ސްކްރިޕްޓްތައް ވެސް ކިޔާ ކަމަށެވެ.

އެގޮތުން ރަނގަޅު ފުރުސަތެއް ލިބިއްޖެނަމަ ބޮލީވުޑަށް އެނބުރި އަންނާނެ ކަމުގެ ފެހި ސިގްނަލް އެ އިންޓަވިއުގެ ތެރެއިން ޕްރިޔަންކާ ދީފައިވެ އެވެ.

އެ ވާހަކަތަކަށް އެންމެ ފަހުން ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާ މިވަނީ ބޮޅެއް އިތުރު ކޮށްދީފަ އެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި މަދޫ ބުނީ ޕްރިޔަންކާގެ ޕްރޮޑަކްޝަން ހައުސް ކަމަށްވާ "ޕާޕަލް ޕެބަލްސް ޕްރޮޑަކްޝަންސް" އެމެރިކާއަށް ބަދަލު ކުރެވިފައިވާ ކަމަށާއި އެނބުރި އިންޑިއާއަށް އައުން ދުރު ކަމަށެވެ.

އެހެން ނަމަވެސް ކުރިމަގު ބުނަން ނޭނގޭ ކަމަށާއި ރަނގަޅު ފުރުސަތެއް ލިބިއްޖެނަމަ ޕްރިޔަންކާ ބޮލީވުޑަށް އެނބުރި އައުން ވެސް އެކަށީގެންވާ ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް މިވަގުތު އެފަދަ ފުރުސަތެއް ނެތް ކަމަށް މަދޫ ފާހަގަކުރި އެވެ.

މަދޫގެ މި އިންޓަވިއުއާއެކު ޕްރިޔަންކާގެ އެނބުރި އައުމަށް އިންތިޒާރު ކޮށްގެން ތިބި އެތައް ބަޔަކަށް ވަނީ މާޔޫސްކަން ގެނުވާފަ އެވެ.

ހާއްސަކޮށް ޕްރިޔަންކާއާއި ކެޓްރީނާގެ އިތުރުން އާލިއާ އެކުގައި ފެންނާނެ ކަމަށް ބެލެވުނު "ޖީލޭ ޒަރާ"ގައި ޕްރިޔަންކާ ނުފެންނާނެ ކަމުގެ އަޑުތައް މިހާރު ވަނީ ގަދަވެފަ އެވެ.