މިހާރު އިންޑިއާގެ ސިނަމާ ތަކުގައި ދައްކަމުން އަންނަ "ޕުޝްޕާ 2: ދަ ރޫލް"އަށް ލިބެމުން އަންނަ ކާމިޔާބާއެކު އެ ފިލްމުގެ ލީޑު ތަރި އައްލޫ އަރްޖުން ބޮކްސް އޮފީހުގައި ރަސްކަން ކުރަމުން އެބަދެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރިލީޒް ކުރެވުނު އެ ފިލްމު އެޅުވި ފުރަތަމަ ދުވަހު ވެސް 175 ކްރޯޑް ރުޕީސްގެ އާމްދަނީއަކާއެކު ބޮކްސް އޮފީހުގެ ރެކޯޑުތައް ވަނީ މުގުރާލާފަ އެވެ.

އެއީ ހަފްތާ ބަންދު ނޫން ދުވަހެއްގައި އިންޑިއާގައި އެޅުވި ފިލްމަކަށް ފުރަތަމަ ދުވަހު އެހާ ބޮޑު އާމްދަނީއެއް ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެ އެވެ.

އެހެން ކަމުން މި ހަފްތާ ބަންދުގައި އެ ފިލްމުގެ އާމްދަނީ ދެގުނަ އިތުރުވާނެ ކަމަށް ބޮލީވުޑްގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

އައްލޫ އަރްޖުންގެ އިތުރުން ރަޝްމިކާ މަންދަނާ ފެނިގެންދާ "ޕުޝްޕާ 2: ދަ ރޫލް" އަކީ 2021 ވަނަ އަހަރު ރިލީޒް ކުރެވުނު "ޕުޝްޕާ: ދަ ރައިޒް"ގެ ސީކުއަލް އެކެވެ.

"ޕުޝްޕާ: ދަ ރައިޒް" އަށް ވެސް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބި "މެއިންސްޓްރީމް ބޮލީވުޑް" ނޫން ފިލްމުތަކަށް ވެސް ކާމިޔާބު ލިބޭނެކަން ސާބިތުކޮށްދީފަ އެވެ.