ރީނދުލަކީ ޒަމާނުއްސުރެ އަހަރެމެންގެ ކެއިން ބުއިމުގައި މުހިއްމު ރޯލެއް އަދާކުރާ ހަވާދުގެ ބާވަތެކެވެ. އެއާ އެއްވަރަށް އެތައް ގަރުނެއް ވަންދެން ބޭސްވެރިކަމަށް ވެސް އެފަދަ ދެވަނައެއް ނެތް އެއްޗެވެ. ރީނދުލުގެ ސިއްހީ ފައިދާތައް ސައިންސްވެރިންނަށް އިނގެން ފެށީ އަދި ކިރިޔާ އެވެ.
މެޑިކަލް ޖާނަލްއެއްގައި ސައިންސުވެރިން ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ރީނދުލަކީ އާތްރައިޓިސް ހުންނަ މީހުންނަށް "ޕެއިންކިލާ" ނުވަތަ ތަދު ކަނޑުވަން ބޭނުން ކުރެވިދާނެ އެއްޗެކެވެ.
ރެންޑަމް، ޑަބަލް ބްލައިޑެޑް އަދި ޕްލެސިބޯ-ކޮންޓްރޯލްޑް ކްލިނިކަލް ޓެސްޓްތަކުން ދެއްކި ގޮތުން ރީނދޫ ވަނީ ޕްލެސިބޯގެ ގޮތުގައި ބޭނުންކުރި "ޑަމީ" ބޭހަށް ވުރެ ކަކުލުގެ ތަދު ކަޑުވުމުގައި ރަނގަޅު ނަތީޖާއެއް ދައްކާފަ އެވެ.
ރީނދޫ ނުވަތަ ރަސްމީ ނަމުން ނަމަ ޓިއުމެރިކް އަކީ ކުރްކުމާ ލޮންގާ ލިޔާ ގަހެއްގެ މޫ ހިއްކައިގެން އޭގެއިން އުފައްދާ އެއްޗެކެވެ. އަދި ފާއިތުވެ ދިޔަ އަހަރުތަކުގައި ފުއްޕާމޭގެ ކެންސަރު، އަލްޒެއިމާސް، ހިތުގެ ބަލިތައް އަދި ޑިޕްރެޝަނަށް ފަރުވާ ކުރުމަށް ވެސް ރީނދޫ ބޭނުންކޮށްފައިވެ އެވެ.
އެކި ހޯދުންތަކުން ދައްކާ ގޮތުގައި ރީނދުލަކީ ބައެއް ވައްތަރުުގެ ކެންސަރަށް ވެސް ފަރުވާ އެކެވެ. ސަބަބަކީ އޭގެ ސަބަބުން ކެންސަރު ސެލްތައް އިތުރުވުން ހުއްޓުވާ އެ ސެލްތައް ފެތުރުން ހުއްޓުވާތީ އެވެ.
އެންމެ ފަހުން ހެދިފައި މިވާ ޓެސްޓްތަކުގައި އޮސްޓްރޭލިއާގެ ޔުނިވާސިޓީއަކުން އޮސްޓިއޯ އާތްރައިޓިސް ހުންނަ 70 މީހުންގެ ތެރެއިން ބައެއް މީހުންނަށް ޕްލެސިބޯ އަދި ބައެއް މީހުންނަށް ރީނދޫ ހިމެނޭ ބޭހެއް، 12 ހަފްތާ ވަންދެން ދިނެވެ.
އެނަލްސް އޮފް އިންޓާނަލް މެޑިކަލް ޖާނަލް ގައި މި ދިރާސާގެ ނަތީޖާތައް ޝާއިއުކޮށްފައިވާ އިރު އެ ނަތީޖާތަކުން ދައްކާ ގޮތުގައި ރީނދޫ ހިމެނޭ ބޭސް ދެވުނު މީހުން ކަކުލުގައި ރިއްސައިގެން ރިޕޯޓުކުރި ވަރު ޕަލެސިބޯ ބޭސް ދެވުނު މީހުންނަށް ވުރެ މަދެވެ. އަދި މީގެއިން އެއްވެސް ސައިޑް އިފެކްޓެއްވެސް ފެނިފައިނުވާ ކަމަށެވެ.
ދިރާސާވެރިން ބުނެފައިފައިވާ ގޮތުގައި އޮސްޓިއޯ އާތްރައިޓިސް އަށް މިހާތަނަށް ވަކި ފަރުވާއެއް ހޯދިފައިނުވާ ކަމަށާއި ކުރެވެން އޮންނަހާ ވެސް ކަމަކީ ތަދު ކަޑުވަން ބޭސްދިނުމެވެ. އެހެން ކަމުން މި ދިރާސާގެ ހޯދުންތައް ސީރިއަސްކޮށް ނަގަންޖެހޭނެ އެވެ.