ކުރިއަށް އޮތް ދެއަހަރަކީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގެ މަސައްކަތް ޢަމަލީގޮތުން ފެންނާނެ ދެއަހަރު ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ތޮއްޑުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުންކަމަށާއި ކުރިއަށް އޮތް ދެއަހަރަކީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގެ މަސައްކަތް އަމަލީގޮތުން ފެންނާނެ ދެއަހަރު ކަމަށެވެ.
ތޮއްޑޫއަކީ މަސައްކަތްތެރި އަދި މުރާލި ރައްޔިތުން ދިރިއުޅޭ ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ތޮއްޑޫއަކީ ދަނޑުވެރިކަމާއި ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށެއް ކަމަށާއި އެއާއި އެކު ސަރުކާރުން އިސްކަންދޭނީ މި ސިނާއަތްތައް ކުރިއެރުވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ތޮއްޑޫ ކައުންސިލުން ލޯކަލް ކައުންސިލް އޮތޯރިޓީ ކުންފުންޏެއް އުފައްދާފައި އޮތުމުން، ކައުންސިލާ ގުޅިގެން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރަން ބޭނުންވާ މަޝްރޫއު ހިންގަން ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.
"އެއީ އިންވެސްޓްމަންޓް ހަމަޖެއްސުންކަމަށް ވިޔަސް އެނޫން ކަމެއްވިޔަސް. މި ސަރުކާރުން ފުރުސަތު ފަހިކޮށްދޭނަން. ނަތީޖާއަކަށްވާނީ ރައްޔިތުން ފުދުންތެރިވުން. އަދި ޓޫރިޒަމާ ކަންކަމަށް އިންވެސްޓްކުރާނެ އިންވެސްޓަރުން ހަމަޖެހުން،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ސިޔާސީ ފިކުރެއް އެމަނިކުފާނު ނުގެންގުޅޭނެ ކަމަށާއި ބޭނުންމީ އެއްވެސް ސިޔާސީ ވިސްނުމެއް ނުގެންގުުޅުން ކަމަށެވެ. އަދި ހުރިހާ ރައްޔިތުން އެމަނިކުފާނުގެ ކުރިމަތީގައި ހަމަހަމަ ކަމަށާއި އެ ހަމަހަމަކަމާއެކު އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ވެސް ޚިދުމަތްދޭނެ ކަމަށް އެމަނކުފާނު ވިދާޅުވި އެވެ.
"ސިޔާސީ ވިސްނުމެއް ނުގެން ގުޅޭނަން. ތަފާތުވެސް ނުކޮށް، މިއަދާއި ހަމައަށްވެސް މިއައީ. ބޭނުންވަނީ، އެއްވެސް ވަރެއްގެ ސިޔާސީ ވިސްނުމެއް ނުގެން ގުޅެން. މިއަދާ ހަމައަށް ވެސް ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އަޅުގަނޑަށް ހުރިހާ ރައްޔިތުން ވެސް ހަމަހަމަ. ކައުންސިލުން އަދި އތމ. ކޮމިޓީގެ ކަންކަމުގައި ވެސް ފުރިހަމަ އެއްބާރުލުން ދޭނަން،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، ތޮއްޑޫ ކައުންސިލުން އުފައްދާފައިވާ އެ ކައުންސިލްގެ ކުންފުނި، "ލޯކަލް އޮތޯރިޓީ ކޮމްޕެނީ" ފަދަ ކުންފުންޏެއް އެމަނިކުފާނު މާލޭ މޭޔަރު ކަމުގެ މަގާމުގައި ހުންނެވިއިރު، މާލޭގައި ވެސް އުފެއްދެވުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް، އޭރު އޮތް އެމްޑީޕީ ސަރުކާރުން އެ ފުރުސަތު ދެއްވާފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ސަރުކާރުން އެކަން ކުރީ ސިޔާސީ ވިސްނުމެއްގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެމްދީޕީ ސަރުކާރުން ކަންކުރެއްވި ގޮތަށް ކަމެއް ނުކުރައްވާނެ ކަމަށާއި ކައުންސިލްގެ އެ ކުންފުނިން ރަށުގެ ރައްޔިތުންގެ ފުދުންތެރިކަމަށް ހިންގަވަން ބޭނުންވާ މަޝްރޫޢުތަކަށް ފުރިހަމަ އެއްބާރުލުން މި ސަރުކާރުގެ ތެރެއިން ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި އެއީ އިންވެސްޓްމަންޓް، ހަމަޖައްސައިދިނުން ކަމުގައި ވިޔަސް، އަދި އެހެނިހެން ކަންކަން މަގުފަހި ކޮށްދިނުން ކަމުގައިވިޔަސް، އެ ކުންފުންޏަށް މި ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ރައީސް މުއިއްޒު ވަނީ، ތޮއްޑޫ ރައްޔިތުން ބޭނުންވާ ކަންކަން އެ ބޭނުންވާ ގޮތަށް މަޝްވަރާއާއެކު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.