މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމުގައި ޔުނީފޯމް އެޅި މުއައްސަސާތަކަށް އިތުބާރުކޮށް، ބަލަން ތިބެވެން ނެތް ކަމަށާއި އެގޮތަށް ތިބެގެން މި މައްސަލަ ހައްލުވާން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވާ ދެއްކެވި ވާހަކައިގަ އެވެ.

މި ބަހުސްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުރަސްކޮށް، މަސްތުވާތަކެތި އެތެރެ ނުވާނެކަމުގެ އެއްވެސް ޔަގީންކަމެއް މިއަދު ނެތްކަމަށާއި އެ ޔަގީންކަން ރައްޔިތުންނަށް ދޭން ޖެހޭ ކަމަށެވެ. އަދި މި ކަމަކީ މަޖިލީހުގެ މެންބަރުން ކުރަންޖެހޭ ކަމެއް ކަމަށާއި ޔުނިފޯމް އެޅި މުއައްސަސާތަކުން އެކަން ކަށަވަރުކުރުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަށް މިހާރު ނެތް ޔުނީފޯމް އެޅި މުއައްސަސާތަކުގެ މައްޗަށް ވެސް އިތުބާރުކޮށްގެން މިކަންތައްތަކާ ދޭތެރޭގައި ބަލަން ތިބެވޭކަށް. އެ ފަރާތްތަކަށް އިތުބާރުކޮށްގެން މިކަމަށް ހައްލެއް ނުލިބޭނެ،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވަނީ ޔުނިފޯމް އެޅި މުއައްސަސާތަކުގެ ބޭފުޅުން ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކަށް އިހުމާލުވާ ގޮތަށް ކަންތައްތައް ކުރާނަމަ އެކަންކަމާ ދޭތެރޭ އިސްލާހީ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލައިފަ އެވެ. ހަމައެއާއެކު އެފަދަ ކުށްތަކަށް އަރައިގަނެ، ނުހައްގު މުއްސަނދިކަން ހޯދާ ފަރާތްތައް ހުއްޓުވުމަކީ ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

މިކަމަށް މިސާލު ނަންގަވަމުން ނާޒިމް ވިދާޅުވީ ދަ ހޯކްސްގެ ބޯޓެއްގައި ހުއްދަ ނެތި ރާއްޖެއަށް ސިނގިރޭޓް އެތެރެކުރި މައްސަލަ ފާހަގަކުރެވިފައިވާ ކަމަށާއި އެ މައްސަލައިގައި ކަސްޓަމްސްގެ އިހުމާލު ވަރަށް ބޮޑަށް އޮތް ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެގޮތުން 241 ކޮމެޓީން އެ މައްސަލަ ބަލާ ނިމޭއިރު އެކަށީގެންވާ ހަރުކަށި އަދި ތަންފީޒުކުރެވޭ ފަދަ ހައްލުތަކެއް ސަރުކާރަށް ހުށަހަޅާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.