އިންޓަނެޓް މެދުވެރިކޮށް ކުރާ ކުށްތައް ގާނޫނުގައި ހިމަނަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ހުށަހެޅުއްވި އެ ބިލުގެ ބޭނުމެއްގެ ގޮތުގައި ބުނެފައިވަނީ ސައިބާ ކްރައިމާ ގުޅުންހުރި އަމަލުތައް ކުށެއް ކަމުގައި ކަނޑައެޅުމެވެ.

ސައިބަ ކްރައިމްގެ ކުށްކަމުގައި ކަނޑައަޅަން ބިލުގައި ހިމަނާފައިވާ ކަންކަން

  • ކޮމްޕިއުޓަރު ސިސްޓަމެއް މެދުވެރިކޮށް ކުޑަކުދިންގެ އޮރިޔާން ކާޑު ޝާއިއުކުރުން
  • ކޮމްޕިއުޓަރު ސިސްޓަމެއް މެދުވެރިކޮށް ޝާއިއުކުރުމަށްޓަކައި ކުޑަކުދިންގެ އޮރިޔާން ކާޑު އުފެއްދުން
  • ކޮމްޕިއުޓަރު ސިސްޓަމެއް ނުވަތަ ކޮމްޕިއުޓަރު ޑޭޓާ ސްޓޯރެޖް މީޑިއަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބަހައްޓައި ބިރުދެއްކުން
  • ގެއްލުމެއް ދިނުމުގެ ނިޔަތުގައި އޮރިޔާންކާޑު އާންމުކުރުން
  • ސައިބާ ސްޓޯކްކުރުން

ކޯޓު އަމުރެއްގެ ދަށުން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން އެ ކޯޓު އަމުރުގައި ނުވަތަ ހުއްދައިގައި ބަޔާންކުރާ ގޮތުގެ މަތިން ކޮންޕިއުޓަރަކަށް, ޕްރޮގްރާމަކަށް, ޑޭޓާއަކަށް, އެއިން އެއްޗެއްގެ ވަކި ބަޔަަކަށް އެކްސެސްވުމަކީ ކުށެއް ނޫން ކަމަށް ބުނެފައިވެ އެވެ.

އެ ބިލު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށްފައިވާއިރު އެ ކޮމިޓީން ކުރި ދިރާސާގެ މައްޗަށް އެކުލަވާލި ރިޕޯޓް, އެ ކޮމިޓީގެ މުގައްރިރު, މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ހުށަހެޅުއްވި އެވެ.

ކޮމިޓީ ރިޕޯޓް ހުށަހަޅުއްވަމުން ހުސްނީ ވިދާޅުވީ އެ ބިލާ ގުޅިގެން ކޮމިޓީން އާންމުގެ ހިޔާލަށް ހުޅުވާލި ކަމަށާއި އެކަމާ ގުޅުންހުރި އިދާރާތަކުން ލިޔުމުން ހިޔާލު ހޯދަން ފޮނުވި ކަމަށެވެ. އަދި ލިބުނު ހިޔާލުތަކުގެ އަލީގައި ގުޅުންހުރި އިދާރާތަކާ މަޝްވަރާކުރެއްވި ކަމަށްވެސް ވިދާޅުވި އެވެ.

މެންބަރު ވިދާޅުވީ އެ ބިލަކީ ކޮންޕިއުޓަރު މެދުވެރިކޮށް ކުރަމުންދާ ކުށްތައް ގާނޫނުގައި ކަނޑައެޅިގެން ނެތުމުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ހުށަހެޅި ބިލެއް ކަމަށެވެ.

މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ދެ ބިލެއް ވެސް މަޖިލީހުން ވަނީ މިއަދު ފާސްކޮށްފަ އެވެ. އަދި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ތިން ބިލުވެސް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ވޯޓާއެކު އެވެ.

މިއަދު މަޖިލީހުން ފާސްކުރި އިސްލާހުތަކާ އެއްގޮތަށް ގާނޫނުތައް ބަދަލުވާނީ މި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމުންނެވެ.