ހައުސިން މިނިސްޓްރީ އާއި އެންވަޔަރުމަންޓް މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވި އަލިފާންގަނޑު ދެގަޑިއެއްހާއިރު ފަހުން ކޮންޓްރޯލްކޮށްފި އެވެ.
ފުލުހުން ބުނީ އެ ހަދިސާގައި ފުރަތަމަ ރޯވީ އެންވަޔަރުމަންޓް މިނިސްޓްރީ އާއި އީޕީއޭ ހިންގާ މ. ގްރީން ބިލްޑިންގައި ކަމަށެވެ. އޭގެ ފަހުން އަލިފާންގަނޑު ޖެހިގެން ހުރި ހައުސިން މިނިސްޓްރީއަށް ފެތުރި އެ އިމާރާތް ހުލިވީ އެވެ.
މި އިމާރާތުގައި ރޯވީ މިއަދު ހެނދުނު 6:30 ހާއިރު ކަމަށްވެ އެވެ. މި އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ މީގެ އިރުކޮޅެއް ކުރިންނެވެ.
މާލޭގައި ހުންނަ ސަރުކާރުގެ ބޮޑު އޮފީހެއްގައި މިވަރުގެ ބޮޑު އަލިފާންގެ ހާދިސާއެއް މިފަހުގެ ތާރީހެއްގައި ހިނގާފައެއް ނުވެ އެވެ. އަދި މި ހާދިސާގައި ހައުސިން މިނިސްޓްރީ އާއި އެންވަޔަރުމަންޓް މިނިސްޓްރީ ހިންގާ އިމާރާތް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފަ އެވެ.
އެ ސަރަހައްދުގައި ހުރި "ހުރިހާ"ގެ ނޫސްވެރިޔަކު ބުނީ ހައުސިން މިނިސްޓްރީ ހިންގާ ތަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ މުޅި އެ ސަރަހައްދަށް ފެތުރިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"މިހާރު އެންވަޔަރުމަންޓް މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވެ އަނދަމުން އެދަނީ. ހައުސިންގެ އިމާރާތް އެއްކޮށް އަނދައި ހުލިވެގެން ވެއްޓިއްޖެ،" ނޫސްވެރިޔާ ބުންޏެވެ.
އެމްއެންޑީއެފް ކަޅުތުއްކަލާކޮށްޓާ މާ ދުރުނޫން ހިސާބުގައި ހުންނަ އެ ދެ އިމާރާތުގައި ރޯވިތާ ގިނަ އިރުތަކެއް ވެފައިވާއިރު އަދިވެސް އަލިފާން ނިއްވާ ނުލެވެ އެވެ.
ރޯވި ހައުސިންގެ އިމާރާތަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދަގަނޑު ބޭނުންކޮށްގެން ހަދާފައިވާ ޕްރީފެބް އިމާރާތެކެވެ. ނަމަވެސް އެންވަޔަރުމަންޓް މިނިސްޓްރީ ހިންގާ ގްރީން ބިލްޑިންގަކީ އޭގެ ކުރިން ހަދާފައިވާ ދުވަސްވީ އިމާރާތެކެވެ.
"އިމާރާތުގެ ވަށައިގެން ހުރިހާ ދިމާލަކުން ވަރަށް ބޮޑަށް އަރަމުންދާތަން ފެނޭ. އަލިފާން ނިއްވާލުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިއު ކުރަމުން އެބަދޭ،" އެތަނުގައި ހުރި ނޫސްވެރިޔާ ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާން އަދިވެސް ކޮންޓްރޯލް އެއް ނުކުރެވޭ ކަމަށެވެ.
"އިމާރާތް ކުރުމާއި ބިނާއާ ބެހޭ ވުޒާރާ ހުންނަ މުޅި ބިލްޑިންގައި ވަނީ އަލިފާން ރޯވެފައި. އެ އިމާރާތުގެ ވަށައިގެންވާ އެހެން އިމާރާތްތަކުން މިހާރު ވަނީ މީހުން ހުސްކޮށްފައި،" އެމްއެންޑީއެފް އިން ބުންޏެވެ
އެމްއެންޑީއެފް އިން ބުނީ މިހާރު ބޮޑަށް މަސައްކަތް ކުރަމުންދަނީ އެހެން އިމާރާތްތަކަށް އަލިފާން ފޯރިއަ ނުދިނުމަށެވެ. އަދި އެއާޕޯޓުގެ ފަޔަ ފައިޓާސް ގެ އެހީތެރިކަން ލިބިގެން އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި ހުންނަވައި، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މީޑިއާއަށް ވިދާޅުވީ ހެނދުނު 6:30 އެހާއިރުން ފެށިގެން އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިން ކުރަމުން އައި ކަމަށެވެ. އަދި ސިފައިންގެ އަތުގައި ހުރި ހުރިހާ ސާމާނެއް ބޭނުންކޮށްގެން، އަލިފާން ނިއްވަން މަސައްކަތްކުރަމުން ދިޔަ ކަމާށާއި އެންމެ ފުރަތަމަ އިސްކަން ދިނީ ކައިރި ހުރި އިމާރާތްތަކުގައި ތިބި މީހުން ރައްކާތެރި ހިސާބުތަކަށް ގެންދަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލިފާނުގެ މި ހާދިސާގައި މިހާތަނަށް އަދި މީހަކަށް އަނިޔާއެއްވީ ކަމުގެ ރިޕޯޓެއް ނެތް ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
މާތްކަލަކޯ އަނެއްކާ މަގޭ ގޯތި ނުލިބުނީ
ރިޕްލައި