ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަގަށް ގޯތި ދިން އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދު އާ ދުވަހަކު ވެސް ބައްދަލުވެފައި ނުވާ ކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

އަކުރަމް މިފަދައިން ވިދާޅުވެފައި ވަނީ މި މައްސަލަ އާ ގުޅިގެން ފުލުހުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ފަޒީލް، އަކްރަމް އާ ބައްދަލުވިކަން ތަހުގީގުން އެނގޭ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވައެވެ.

ފުލުހުން ކުރިއަށް ގެންދާ ތަހުގީގާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް ވިދާޅުވީ، ފަޒީލް ގޯއްޗަށް ޝަރުތު ހަމަ ނުވުމުން "ޝަކުވާ ހިފައިގެން އަކްރަމް އާ ބައްދަލު ކުރި ކަމަށް" ފަޒީލް ބުނެފައިވާ ކަމަށެވެ.

އެހެން ނަމަވެސް މި ވާހަކަ ދޮގުކުރައްވާ އަކްރަމް އެކްސްގައި ކުރެއްވި މެސެޖެއްގައި ވިދާޅުވީ، އެޗްޑީސީގެ މެނެޖިން ޑިރެކްޓަރު އިސްވެ ހުރެ، އުސޫލުން ބޭރުން ހުޅުމާލެއިން ގޯތިތަކެއް ދޫކުރި މައްސަލަ ފެންމަތިވުމުން، އާންމުންގެ ސަމާލުކަން އަނބުރައިލުމަށް ސަރުކާރުން ކުރަމުންގެންދާ ކަންކަމުގެ ތެރެއިން ރޭގައި ފުލުހުން ބޭއްވީ "ސިޔާސީ ނޫސް ކޮންފަރެސެއް" ކަމުގައެވެ.

"ފުލުހުން އެ ބުނާ ފަޒީލްއާ އަޅުގަނޑާ ދުވަހަކުވެސް ބައްދަލުވެފައި ނުވެ އެވެ. އަދި، އެއްވެސް މުއާމަލާތެއް ވެސް އޭނާއާ ދުވަހަކުވެސް ކޮށްފައި ނުވާނެއެވެ. އެއްވެސް ކަމެއްގައި ބައްދަލު ކުރަން އޭނާ އެދިފައެއްވެސް ނުވެ އެވެ." އަކްރަމް ވިދާޅުވި އެވެ.

އަކްރަމް އިތުރަށް ވިދާޅުވީ، އެގްރީމަންޓެއް ކަމަށް ދެއްކުމަށް ޓަކައި ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓަކާ މެދު ސުވާލު އުފެދުމުން ވެސް، އެ ޑޮކިއުމަންޓްގެ ސައްހަކަން ކަށަވަރުކުރުމަށް ފޮރެންސިކް ތަހުލީލެއް ވެސް ނުހަދައި، ކުރީ ސަރުކާރުން ދޫކުރި ލިޔުމެއްގެ ގޮތުގައި އެވާހަކަ ދެއްކީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ކަމަށް ދެކޭ ކަމަށެވެ.

އަކުރަމް ވިދާޅުވީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެއްވެސް ލިޔުމެއް އުސޫލުން ބޭރުން ނުވަތަ ގަވާއިދާ ހިލާފަށް ނުވަތަ ނުރަސްމީކޮށް އެއްވެސް ފަރާތަކަށް ކުރީގެ ހައުސިން މިނިސްޓްރީން ދޫކޮށްފައި ނުވާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.