އިންސާނުންނަށް މިހާތަނަށް އިރާ ބެހޭގޮތުން އެނގިފައިވާ އެނގުމަށް އިންގިލާބެއް ގެނެސްފާނެ ފަދަ ތަހުލީލުތަކެއް ކުރުމުގެ މަގުސަދުގައި ނާސާއިން އިރަށް ކުރާ ތާރީޚީ ދަތުރުގައި ބޮޑެތި ކާމިޔާބީތަކެއް އަންނަނީ ހޯދަމުންނެވެ.

އިރަށް ކުރާ ދަތުރުގައި ބޭނުންކުރާ އުޅަނދު، ޕާކާ ސޯލާ ޕްރޯބް މިޝަނުގެ ބޭނުމަކީ އިރުގެ ބޭރު ފަށަލަ ދިރާސާކުރުމެވެ. މިބޭނުމުގައި އިރާ ދިމާޔަށް ކުރާ ދަތުރުގައި މިމަހުގެ 27 ވަނަ ދުވަހަކީ ޚާއްސަ ދުވަހެކެވެ. އެ ދުވަހު އިރުގެ ބޭރު ފަށަލައާ އުޅަނދު ގާތްވެލާނެ އެވެ. އެއީ އިންސާނުން އުފެއްދި އުޅަނދަކަށް މިހާތަނަށް އެންމެ ކައިރިއަށް ދެވޭ ދުވަހެވެ.

އިރުގެ ބޭރު ފަށަލައިގެ މާހައުލު ދިރާސާކުރުމަށްޓަކައި އިރާ ދިމާޔަށް އުޅަނދެއް ފޮނުވާލީ އޮގަސްޓް 2018 ގަ އެވެ. މި މިޝަނުގެ އެންމެ މުހިންމު މަގުސަދަކީ އިރުގެ ބޭރުގައި އުފެދޭ އާދަޔާޚިލާފު ގަދަ ހޫނާއި އެ ހޫނުގެ ސަބަބުން އުފެދޭ ވައިގެ ހަގީގަތް ހޯދުމެވެ. އެއީ މިހާތަނަށް އަދި އިންސާނުނަށް އޭގެ ސިއްރު އެނގިފައިނުވާ ދާއިރާއެކެވެ.

ސައިންސް ވެރިން ގަބޫލުކުރާގޮތުގައި އެ މައުލޫމާތު ލިބޭނީ އެހިސާބަށް އުޅަނދެއް ގޮސްގެންނެވެ. މިބޭނުމުގައި އިރާ ދިމާޔަށް އުޅަނދެއް ފޮނުވުމުން އޭގެ ސައިންޓިފިކް މުހިންމުކަމާ އެއްވަރަށް އިންސާނީ ވިސްނުމާއި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ހާސިލު ކުރެވިދާނެ ކަންތައްތަކުގެ މުހިންމުކަން ސާބިތު ކޮށްދެ އެވެ.

ނާސާއިން އިރަށް ފޮނުވި އުޅަނދު އަންގާރަ ދުވަހުގެ ހެނދުނު 6:53 (ޖީއެމްޓީ ގަޑިން 1153) ވަނީ އިރާ 3.8 މިލިއަން ކިލޯމީޓަރާ ކައިރިވެފަ އެވެ. އެ ހިސާބަށް ވާސިލުވުމަށްޓަކައި އެއުޅަނދު ދަތުރު ކުރަމުން އަންނަނީ ނޭވާ ހިފަހައްޓާލަންޖެހޭ ފަދަ ބާރު ސްޕީޑެއްގަ އެވެ. އޭގެ ސްޕީޑަކީ ގަޑިއަކު 430،000 މޭލެވެ. މިއީ އެމެރިކާގެ ވޮޝިންޓަނުން ޖަޕާނުގެ ޓޯކިޔޯއަށް ގާތްގަނޑަކަށް އެއް މިނެޓުން ދެވޭނެ ސްޕީޑެވެ. އިރުގެ ގަދަ ހޫނާ ކުރިމަތިލުމުގެ ކުޅަދާނަކަން އެ އުޅަނދަށް ފޯރުކޮށްދިނުމުގެ ބޭނުމުމުގައި ގަދަ ހޫނާއި ރޭޑިއޭޝަނުން ސަލާމަތްވާނެ ފަށަލައެއް އެ އުޅަނދުގައިވެ އެވެ.

ނާސާއިން ބުނާ ގޮތުގައި އިރުގެ ހޫނުންނާއި ރޭޑިއޭޝަނުން ދިފާއުވުމަށްޓަކައި ޖައްވީ އުޅަނދުގައި ލެވިފައިވާ ތާމަލް ފަށަލައަށް 2،500 ޑިގްރީ ފެރަންހައިޓްސް ހޫނުމިނުގައި ހިފަހައްޓާލެވޭނެ އެވެ. ނަތީޖާއެއްގެ ގޮތުން އިރުގެ ބޭރު ފަށަލައިގެ ތެރެއަށް ވަދެ އެހިސާބު ދިރާސާތައް ކޮށް، އެ މައުލޫމާތު ބިމަށް ފޮނުވުމުގެ ކުޅަދާނަކަން އެ އުޅަނަދަށް ލިބިގެންވެ އެވެ.

ނާސާގެ އުޅަނދުން މިހާތަނަށް ވެސް ވަނީ އިރުގެ ބޭރު ފަށަލައިގެ މާހައުލާ ބެހޭ ގިނަ މައުލޫމާތުތަކެއް ދުނިޔެއަށް ގެނެސްދީފަ އެވެ. އެގޮތުން އިރުގެ މެގްނެޓިކް ފީލްޑާބެހޭގޮތުން މިހާތަނަށް އެނގުނު މައުލޫމާތުގެ އެހީގައި، އިރުގެ ވަށައިގެން އުފެދޭ ތޫފާންތަކާއި އެކަމުގެ ސަބަބުން ބިމަށް ކުރާނެ އަސަރު ދެނެގަތުމަށް ފަސޭހަވެގެންދާނެ އެވެ.

އިރާ ދިމާޔަށް ދަތުރުކުރާ އުޅަނދުގެ ސަބަބުން ނާސާއިން އުންމީދު ކުރަނީ އިރާބެހޭ އިތުރު މުހިންމު މައުލޫމާތުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ލިބޭނެ ކަމަށެވެ. އުޅަނދު އިރާ ގާތްވެ، އެހިސާބުގެ މާހައުލާ ބެހޭ ގިނަ މައުލޫމާތު ފޮނުވި ވަރަކަށް އިރުގެ ހަކަތަ އާއި ދުނިޔެއާ ހުރިގުޅުން އިތުރަށް ދަނެގަނެވޭނެ ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ. އެކަމަށްޓަކައި ކުރާ ދަތުރުގައި މިހާތަނަށް ހޯދުނު ކާމިޔާބަށް ވުރެ ބޮޑެތި ކާމިޔާބު މުސްތަގުބަލުގައި ހޯދޭނެ ކަމަށް ނާސާއިން ދެކެ އެވެ.