އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭގެ މަގުތަކުގައި ކުރިޔަށް ގެންދިޔަ މުޒާހަރާއިން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލާއެކު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ނިމާލާއެކު ހަތަރު ތިން މީހަކު ހައްޔަރުކުރީ އަޑުއުފުލަމުން ދަނިކޮށް މަޖީދީމަގާއި ޗާންދަނީ މަގާ ގުޅޭ ހިސާބުންނެވެ.
ފުލުހުން އެ މީހުން ހައްޔަރުކުރީ ކޮވިޑު-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފަށް މުޒާހަރާ ކުރާތީ ކަމަށް ބުނެ އެވެ.
ކޮންމެ ހުކުރު ދުވަހަކު ކުރާ މުޒާހަރާއާ ދިމާކޮށް ފުލުހުން ވަނީ މިއަދު ވެސް ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަންގެ އޮފީސް ހިމެނޭ ބޮޑުތަކުރުފާނު މަގު ސަރަހައްދު ބަންދުކޮށްފަ އެވެ. ނަމަވެސް އެ މުޒާހަރާތައް މަޖީދީމަގާއި އެހެން ސަރަހައްދުތަކުގައި ވެސް ކުރިޔަށް ގެންދެ އެވެ.
އިދިކޮޅު ކޯލިޝަނުން މިހާރު މާލޭގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކަކީ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފް އެއްވުންތަކެއް ކަމަށް ބުނެ އެ އެއްވުންތައް ހުއްޓުވައި، ފުލުހުން ގެންދަނީ ވަކިވަކި މީހުން ވެސް ޖޫރިމަނާ ކުރަމުންނެވެ. އެގޮތުން 75،000ރ. އިން އެ ޕާޓީ ޖޫރިމަނާކުރި އެވެ. އަދި މުޒާހަރާއިން ހައްޔަރުކުރާ ކޮންމެ މީހަކު ވެސް 1،000ރ. އިން ޖޫރިމަނާކުރެ އެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ މުޒާހަރާތަކާއި އިހުތިޖާޖުތަކަކީ ގައުމީ މަސައްކަތެއް ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި އަޑުއުފުލުން ހުއްޓާނުލާނެ ކަމަށް ވެސް ބުނެ އެވެ.
އެ ކޯލިޝަނުން ބުނީ ހަރަކާތްތައް ކުރިއަށް ގެންދާނީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ކަމަށާ އެކަމަށް ހުރަސް އަޅަނީ ސަރުކާރުން ކަމަަށެވެ.