އިންޑިއާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް ރޭގެ ވަގުތެއްގައި 92 އަހަރުގައި ވަނީ އަވަހާރަވެފަ އެވެ. އޭނާއަކީ އިންޑިއާގެ އެންމެ ކާމިޔާބު ވެރިންގެ ތެރެއިން އެކަކެވެ.

އިންޑިއާގެ ފުރަތަމަ ސިކް ބޮޑުވަޒީރުގެ ގޮތުގައި ސިންގް ވަނީ 2004 އިން 2014 އަށް ދެ ދައުރު ހިދުމަތް ކުރައްވާފަ އެވެ.

ސިންގްގެ ނަމާއި ގުޅެނީ އިންޑިއާ މިހާތަނަށް ދުށް އެންމެ ބޮޑު އިގްތިސާދީ ކުރިއެރުމަކަށް މަގުފަހިކޮށްދީ، ސަތޭކަ މިލިއަން މީހުން ނިކަމެތިކަމުން ސަލާމަތްކޮށްދެއްވި ލީޑަރުގެ ލަގަބެވެ.

މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ކުރިން ބޮޑުވަޒީރުކަމުގައި ހުންނެވި ސިންގް އަވަހާރަވުމާ ގުޅިގެން މޯދީ ވަނީ ތައުޒިޔާ ފޮނުއްވާފަ އެވެ. މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިންގަކީ އިންޑިއާގެ އެންމެ ތަފާތު ލީޑަރުކަމަށާއި އެއީ ގައުމާއި ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެންނަން ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.

އިނގިރޭސީންގެ ވެރިކަމުގެ ދަށުގައި އޮތް އިންޑިއާގެ، ނިކަމެތި އާއިލާއަކަށް އުފަން މަންމޯހަން ސިންގް، ކޭމްބްރިޖް ޔުނިވާސިޓީއަށް ވަނުމަށް ކިޔަވާ ވިދާޅުވީ ފުޅިބައްތި އަލީގަ އެވެ. އޭގެ ފަހުން އޮކްސްފޯޑަށް ވަޑައިގެން، އިންޑިއާގެ އިގްތިސާދުގައި އެކްސްޕޯޓާއި މިނިވަން ވިޔަފާރީގެ ދައުރުގެ މައްޗަށް ތީސިސްއެއް ލިޔެ ޑޮކްޓަރޭޓް ހާސިލުކުރެއްވި އެވެ.

އޭނާ ވަނީ އިހުތިރާމް ލިބިފައިވާ އިގްތިސާދީ މާހިރެއްގެ ގޮތުގައާއި، އިންޑިއާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ގޮތުގައާއި، ސަރުކާރުގެ ލަފާދޭ ފަރާތެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް 1991 ގައި ކުއްލިއަކަށް އޭނާއަށް މާލީ ވަޒީރުކަން ހަވާލުކުރެވުނު އިރު، އޭނާގެ ސިޔާސީ ކެރިއަރާ މެދު އެއްވެސް ވިސްނުމެއް ނުގެންގުޅުއްވަ އެވެ.

1996 އާ ހަމައަށް ދެމިގެންދިޔަ މިނިސްޓަރުކަމުގެ އެ ދައުރުގައި، ސިންގް ވަނީ އިންޑިއާގެ ފައިސާގެ ހިސާބުތަކުގެ މައްސަލަތައް ބޮޑުވެ، ނުރައްކާތެރި އިގްތިސާދީ ހާލަތުން ސަލާމަތްކޮށްދޭނެ އިސްލާހުތަކެއް ގެނެސް އިންޑިއާ މުޅި ދުނިޔެއަށް ހުޅުވާލުމަށް ފިޔަވަޅުތައް އަޅުއްވާފަ އެވެ. 2004 ގައި ސިންގް ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ ވެސް ކުއްލި ގޮތަކަށެވެ. މާބޮޑަށް އުންމީދުކުރެއްވި މަގާމެއް ނޫނެވެ.

ކޮންގްރެސް ޕާޓީ ހައިރާންކުރުވަނިވި ކާމިޔާބީއަކަށް މަގުފަހިކޮށްދިން ސޯނިއާ ގާންދީ ސިންގްގެ އަރިހުން އެދުނީ އެ މަގާމު ބަލައިގަތުމަށެވެ. އިޓަލީއަށް އުފަން ސޯނިއާ ގާންދީ އެގޮތަށް ނިންމެވީ އޭނާ ގައުމު ވެރިކަން ކުރަން ފަށައިފިނަމަ، ހިންދޫ- ގައުމިއްޔަތުގެ ވާދަވެރިން އޭނާގެ އުފަންވި ގައުމު ބޭނުންކޮށްގެން ސަރުކާރަށް ހަމަލާދޭނެތީ އެވެ.

މިހާތަނަށް ނުފެންނަވަރުގެ އިގްތިސާދީ ކުރިއެރުމެއްގެ މަތީގައި ދަތުރުކުރަމުން، ސިންގްގެ ސަރުކާރުން އިންޑިއާގެ އަލަށް ލިބުނު މުއްސަނދިކަމުގެ ފައިދާ ބެހި އެވެ. މީގެ ތެރޭގައި ފަގީރު ސަރަޙައްދުތަކުގެ ނިކަމެތިންނަށް ވަޒީފާގެ ޕްރޮގްރާމްތައް ތަޢާރަފުކުރުން ހިމެނެ އެވެ.

2008 ގައި، އޭނާގެ ސަރުކާރުން ވަނީ އެމެރިކާއާއެކު 30 އަހަރު ފަހުން ފުރަތަމަ ފަހަރަށް ނިއުކްލިއާ ހަކަތައިގެ ސުލްޙަވެރި ވިޔަފާރިއަށް ހުއްދަދޭ ފާހަގަކޮށްލެވޭ އެއްބަސްވުމެއްގައި ސޮއިކޮށް، ނިއު ދިއްލީއާއި ވޮޝިންގްޓަންއާ ދެމެދު ވަރުގަދަ ގުޅުމަކަށް މަގުފަހިކޮށްދީފަ އެވެ.

ނަމަވެސް އިންޑިއާގެ އިގްތިސާދު އިތުރަށް ހުޅުވާލުމަށް އޭނާ ކުރި މަސައްކަތްތަކަށް ގިނަ ފަހަރު ހުރަސްއެޅުނީ އޭނާގެ އަމިއްލަ ޕާޓީގެ ތެރޭގައި ހިނގި ސިޔާސީ ހަމަނުޖެހުންތަކާއި އިއްތިހާދުގެ ބައިވެރިން ކުރި ޑިމާންޑްތަކުގެ ސަބަބުންނެވެ. އެހެން ދުނިޔޭގެ ލީޑަރުން އޭނާއަށް ވަރަށް ބޮޑަށް އިޙްތިރާމްކުރި ނަމަވެސް، ސިންގް އަބަދުވެސް ދިފާއުކުރަންޖެހުނީ ސަރުކާރުގެ ހަގީގީ ބާރު އޮތީ ސޯނިއާ ގާންދީގެ އަތުގައި ކަމުގެ ތުހުމަތުންނެވެ.

ކުރީގެ ބޮޑުވަޒީރު ރާޖީވް ގާންދީގެ އަނބިކަނބަލުން، 1947 ގައި އިނގެރޭސީންގެ އަތްދަށުން މިނިވަންވި ފަހުން އިންޑިއާގެ ސިޔާސަތުގައި އިސްދައުރެއް އަދާކޮށްފައިވާ ޢާއިލާގެ މެންބަރެއް ކަމުގައިވާ ސޯނިއާ، ކޮންގްރެސް ޕާޓީގެ ލީޑަރުކަމުގައި ދެމިހުރެ، ގިނަ ފަހަރު މުހިންމު ނިންމުންތައް ނިންމެވި އެވެ.

ސާދާ ދިރިއުޅުމަކަށް މަޝްހޫރުވެ، ތެދުވެރިކަމުގެ ރީތި ނަމެއް ލިބިފައިވާ ސިންގް އަމިއްލަ ޒާތުގައި ކޮރަޕްޝަނާ ގުޅުންހުރި ބޭފުޅެއްގެ ގޮތުގައި ނުބެލެވެ އެވެ. ނަމަވެސް އޭނާގެ ދެވަނަ ދައުރުގައި ސަރުކާރުގެ މެންބަރުންގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން އެކަށީގެންވާ ފިޔަވަޅު ނޭޅުއްވުމުގެ ސަބަބުން އޭނާއަށް ފާޑުކިޔުމާ ކުރިމަތިލާންޖެހި، މުޅި ގައުމުގައި ސިންގާއި ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކުރިއަށް ދިޔަ އެވެ.

ސިންގްގެ ބޮޑުވަޒީރުކަމުގެ ފަހު އަހަރުތަކުގައި، އޭނާ އެހީތެރިވެދީގެން އުފެއްދި އިންޑިއާގެ ކުރިއެރުމުގެ ވާހަކަ ވަނީ ދުނިޔޭގެ އިޤްތިޞާދީ ހަލަބޮލިކަމާއި ސަރުކާރުގެ ލަސް ނިންމުންތަކުގެ ސަބަބުން އިންވެސްޓްމަންޓްތަކުގެ އިތުބާރު ގެއްލުމާ ގުޅިގެން ހީނަރުވެފަ އެވެ.

2012 ގައި، ބޭރުގެ މާކެޓްތަކަށް ވަނުމަށް ހުއްދަދިނުމާ ދެކޮޅަށް ކޮންގްރެސް ޕާޓީގެ އެންމެ ބޮޑު އިއްތިހާދުން ވަކިވުމާ ގުޅިގެން އޭނާގެ ސަރުކާރު ވަނީ މައިނޯރިޓީ ސަރުކާރަކަށް ވެއްޓިފަ އެވެ.

ދެ އަހަރު ފަހުން، ކޮންގްރެސް ޕާޓީ ވަނީ ބާރަތިއާ ޖަނަތާ ޕާޓީގެ ނަރެންދްރަ މޯދީގެ އަތުން ބޮޑު ތަފާތަކުން ބަލިވެފަ އެވެ. މޯދީއަކީ އިޤްތިޞާދީ ހުއްޓުން ނިމުމަކަށް ގެނެސް، ކޮރަޕްޝަން ނައްތާލައި، އެންމެންނަށް ކުރިއެރުން ގެނެސްދޭނެކަމުގެ ވަޢުދު ވެފައިވާ ވަރުގަދަ ލީޑަރެކެވެ.

މަގާމުން ވަކިވެވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރި ބައްދަލުވުމެއްގައި، ސިންގް ވަނީ އޭނާއަށް ކުރެވުނު އެންމެ ރަނގަޅު ގޮތަކަށް ކަންކަން ކުރެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ސިންގް އަވަހާރަވިއިރު އަނބިކަނބަލަކާއި ތިން ދަރިކަނބަލުން ދުނިޔޭގައި އެބަތިއްބެވެ.