ގދ. ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.
މި މައްސަލަ ހުށަހެޅުއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބެވެ. އޭނާ ވިދާޅުވި ގޮތުގައި ތިނަދޫގެ އާބާދީގައި މިހާރު ތިބީ 7،000 މީހުންނެވެ. އެހެންކަމުން، ގާނޫނުގައިވާ މިންގަނޑަށް ނުފެތޭ ކަމަށް ބުނެ އެ ރަށަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލުކުރަން އެދުނެވެ.
ނަމަވެސް، ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުމުގައި ބުނެފައިވަނީ ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ހައި ކޯޓަށް ބެލުމުގެ އިހުތިސާސް ލިބިފައިވަނީ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނުއަސާސީއާ ތައާރަޒުވާ ކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް ކަމަށެވެ. ރައީސުލުޖުމްހޫރިއްޔާގެ ގަރާރަކީ ގާނޫނެއްގެ ދަރަޖަ ދެވޭނެ އެއްޗެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރެއްވެސް ނޫން ކަމަށް ކޯޓުން ބުނެފައިވެ އެވެ.
ތިނަދޫއަށް ސިޓީގެ ދަރަޖަ ދީފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިންގެ ތެރޭގަ އެވެ. އޭރު ތިނަދޫގެ އާބާދީގައި 10،000 ހަމަނުވާކަމަށްވެ އެވެ. ސިޓީއަކަށް ބަދަލުކުރި އިރު ތިނަދޫގެ އާބާދީގައި ގާތްގަނޑަކަށް 8،000 މީހުން އުޅޭ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
މައްސަލަ ހުށަހެޅުއްވި ރާގިބު ތުހުމަތު ކުރައްވާ ގޮތުގައި ތިނަދޫ ކައުންސިލުން އާބާދީގެ އަދަދު ދެއްކުމަށް ގެންގުޅުނު ލިސްޓަކީ އޮޅުވާލާފައިވާ ލިސްޓެއް ކަމަށާއި، އެ ލިސްޓުގައި މަރުވެފައިވާ މީހުންނާއި ތަކުރާރުކޮށް އެއް ބައެއްގެ ނަން ހިމަނާފައިވާ ކަމަށެވެ. އެހެންކަމުން، މި މައްސަލަ ބަލައިދިނުމަށް އެދި އޭނާ ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފަ އެވެ.
މި މައްސަލަ ހުށަހެޅުމާ ގުޅިގެން ރާގިބު ވަނީ ސަރުކާރުގެ މަގާމުން ވަކިކޮށްފަ އެވެ. ނަމަވެސް، އޭނާ ވިދާޅުވީ ގާނޫނާ ހިލާފަށް ތިނަދޫއަށް ސިޓީގެ ދަރަޖަ ދީފައިވާތީ، އެކަން ބާތިލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.