ގާތްގަނޑަކަށް ހަފްތާއެއްގެ މެދުކެނޑުމަކަށްފަހު ސްކޫލުތަކުގެ ކިޔެވުން ފެށެން ތައްޔާރުވެފައިވާއިރު ގިނަ ބެލެނިވެރިންގެ ޝަކުވާއަކަށް މިހާރު ވެފައިވަނީ އެމީހުންގެ ފުރާވަރު ދަރިން ކިޔެވުމަށް ޝައުގުވެރިކަން ނުބެހެއްޓުމެވެ.

އެގޮތުން ބޮޑުވާ ވަރަކަށް ކުދިންގެ ހިތުގައި ކިޔެވުމަށް އޮންނަ ޝައުގުވެރިކަން ކުޑަވެ އެކަމުގެ ސަބަބުން ނަތީޖާއަށް ވެސް ނޭދެވޭ އަސަރު ކުރެ އެވެ. މި ލިޔުމުގައި މި ބަލާލަނީ އެކަން ހައްލު ކުރަން ކުރެވިދާނެ ބައެއް ކަންކަމަށެވެ.

1. ދަރިންގެ އިހުސާސްތައް އަޑުއަހާ!

ދަރިން ކިޔެވުމަށް ޝައުގުވެރި ކުރުވަން ބޭނުންނަމަ އެންމެ ފުރަތަމަ އެ ކުދިންގެ އިހުސާސްތައް އަޑުއަހާށެވެ. ކިޔެވުން މަތިން ފޫހިވާ ސަބަބުތައް ހޯދާއިރު އެ ކުދިންގެ އިހުސާސްތަކަށް އިހުތިރާމް ކުރާށެވެ.

2. އެންމެ ފުރަތަމަ ކަމަކީ ފެށުން!

ކިޔެވުމުން ދުރުވެފައިވާ ކުދިންތަކެއްގެ ހިތުގައި އެއް ފަހަރުން ކިޔެވުމަށް ޝައުގުވެރިކަން އުފެއްދުމަކީ އުނދަގޫ ކަމެކެވެ. އެހެން ނަމަވެސް ކުދި ކުދި ކަންކަމުން ފަށާށެވެ. ފިލާވަޅުތައް މުތާލިއާކުރާ ގަޑީގައި އެކުދިންނާއެކު ވަގުތު ހޭދަކުރާށެވެ.

3. އަޑުލައި ހަޅޭއްލެވުމަކީ ހައްލެއް ނޫން!

ފުރާވަރު ކުދިންނަކީ ވަރަށް އަވަހަށް ކަންކަމަށް އޮންނަ ޝައުގުވެރިކަން ގެއްލޭ ބައަކަށްވާއިރު ކަމެއް ކުރުވަން އަޑުލައި ހަޅޭއްލެވުމަކީ އެކަމެއްގެ މަތިން އެކުދިން އިތުރަށް ފޫހި ކުރުވާނެ ކަމެކެވެ. އެހެން ކަމުން މިކަމުގައި ބެލެނިވެރިން ކެތްތެރިކަން އިސްކުރަން ޖެހޭނެ އެވެ.

4. އުއްމީދުތައް ހިފަހައްޓާލާ!

ކުރިން ބުނިހެން ދަރިވަރުންނަށް އެއްފަހަރުން ބޭނުންވާ ކަމެއް ހާސިލް ނުކުރެވިދާނެ އެވެ. އެހެން ކަމުން އަލަށް ފަށައިގަންނަ ކުދިންގެ ފަރާތުން އެއް ފަހަރާ މާބޮޑު ކުރިއެރުމަކަށް އުއްމީދު ކޮށްގެން ނުވާނެ އެވެ.

5. އިތުރު ހަރަކާތްތަކަށް ބާރުއަޅާ!

ބެލެނިވެރިން ވިސްނަންވީ ކަމަކީ އަބަދު ކިޔެވުމަކީ ދަރިންގެ ނަފްސާނީ ސިއްހަތަށް ނޭދެވޭ އަސަރު ކުރުވާނެ ކަމެއް ކަމެވެ. އެހެން ކަމުން ސްކޫލުގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވާން ދަރިންނަށް ބާރުއެޅުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.