ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ބްރެޑް ޕިޓްއާއި އެންޖެލީނާ ޖޯލީގެ ވަރީގެ ކަންކަން ކޯޓުން ނިމުނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. 8 އަހަރު ދުވަހުގެ ކޯޓު މަރުހަލާއަކަށްފަހު ދެ މީހުން ވެސް ވަނީ އެމީހުންގެ ހަޔާތުގެ އާ ބާބަކަށް ކުރިމަތިލާފަ އެވެ.
އެންޖެލީނާ މިވަނީ ވަރިއަށްފަހު އޭނާގެ ދިރިއުޅުމަށް ބަދަލުތައް ގެންނަ ފަށާފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ވެސް އޭނާ ބަދަލުކޮށްފައިވަނީ އޭނާގެ އިސްތަށިގަނޑެވެ.
ވަރިއަށްފަހު އާއްމުކޮށް އެންޖެލީނާ ބޭރު ތެރެއިން ފެނިފައިވާއިރު އޭނާގެ ހެއާ ސްޓައިލަށް އައިސްފައިވާ ބަދަލު އެންމެން ވެސް ފާހަގަކުރި އެވެ.
އެގޮތުން އެންމެ ފަހުން ފެނުނު ފެނިލުމުގައި އެންޖެލީނާ ހުރީ ބޭންގްސްއާއެކު އިސްތަށިގަނޑު ކޮށާފަ އެވެ. އެ ސްޓައިލާއެކު އިސްތަށިގަނޑުގެ ކުރިމަތި ނިއްކުރިއާ ދިމާލުން ކުރުކޮށް ހުރެ އެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެންޖެލީނާގެ އިސްތަށިގަނޑަށް މި ގެނައި ބަދަލުގެ ފަހަތުގައި ވަނީ އޭނާގެ ދިރިއުޅުން އާ ފެށުމަކުން ފަށަން ތައްޔާރުކަން ދައްކައި ދިނުމެވެ.
ބްރެޑްއާއި އެންޖެލީނާގެ ވަރީގެ މައްސަލަ ނިމުނުއިރު އެ ވަރިއާއެކު އެންޖެލީނާއަށް ވަނީ 80 މިލިއަން ޑޮލަރުގެ ބޮޑު ފައިސާގެ އަދަދެއް ލިބިފަ އެވެ.