ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އިންޑިއާއަށް ގެންދަނީ ކުޑަކަކޫ ޖައްސުވަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫން ވިދާޅުވެއްޖެ އެވެ.
ޣައްސާން މައުމޫން މިހަފްތާގައި އިންޑިއާއަށް ވަޑައިގަންނަވާނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް އާ ހަވާލާދީ އިންޑިއާގެ ނޫހެއް ކަމަށްވާ ވިއޯން ނޫހުން އިއްޔެ ރިޕޯޓްކޮށްފައިވެ އެވެ.
ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި މިކަމާއި ގުޅޭގޮތުން ރައީސް ޔާމީން ވިދާޅުވީ ޣައްސާން އިންޑިއާއަށް އެ ގެންދަނީ ތަހުގީގަށް ހާޒިރުކޮށް ކުޑަކަކޫ ޖައްސަން ކަމަށެވެ.
މި ސަރުކާރުގެ އިސްވެރިން އިންޑިއާ އައުޓް ކެމްޕޭނާއި ފެޔަށް ޖެހުމުން ހާމަވަނީ އެ ބޭފުޅުންގެ ހުރި މުނާފިގުކަން ކަމަށާއި ރާއްޖޭގެ އިސްތިގުލާލު ދެމެހެއްޓުމުގައި އެ ބޭފުޅުންގެ އެއްވެސް އިހުލާސްތެރި ކަމެއް ނެތްކަން ކަމަށެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު، ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް މިދިޔަ ހަފްތާގައި އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައިވަނީ "އިންޑިއާ އައުޓް" ކެމްޕޭނަކީ ރައީސް ޔާމީން ކުރިއަށް ގެންދެވި ކަމެއް ކަމަށާއި މިހާރުގެ ސަރުކާރާއި އެކަމާ ގުޅުމެއް ނެތް ކަމަށެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭނަކީ އެމަނިކުފާނު އިސްވެ ހުންނަވައިގެން ފެއްޓެވި ކެމްޕޭނެއް ކަމަށާއި އެ ކެމްޕޭނުގައި މި ސަރުކާރުގައި ތިބި އިސް ފަރާތްތަކުން އޭރު ބައިވެރިވީ މަޖުބޫރު ކަމެއް ނެތި ކަމަށެވެ. އަދި މިއަދު މި ކަންކަމުން ފެޔަށް ޖެހިވަޑައިގަންނަވަން މަސައްކަތް ކުރި ނަމަވެސް އިންޑިއާ ރައްޔިތުން ކަންކަން ހަނދާން ނުނެތޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ މިފަދަ ކަންކަމުން ހާމަވެގެންދިޔައީ ދިވެހި ހާރިޖީ ސިޔާސަތުގެ އެއްވެސް ހަރުދަނާކަމެއް ނެތްކަން ކަމަށެވެ. އަދި ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށް ބުނި ނަމަވެސް ރާއްޖޭގެ ހާރިޖީ ސިޔާސަތާއި ދާހިލީ ސިޔާސަތު މިނިވަން ނޫން ކަމަށާއި މިނިވަން ނަމަ ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ނުތިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.