ކ. ގުޅިފަޅުގެ މަގު ހެދުމާއި މުނިސިޕަލް އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގެ މަސައްކަތް ޗައިނާގެ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޮމްޕެނީ (ސީއެމްއީސީ) ކުންފުންޏަކާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. ސީއެމްއީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރީޖަނަލް ޖެނެރަލް މެނޭޖަރު ކިއަން ހައޮޖުން އެވެ.
ސޮއި ކުރެއްވުމަށްފަހު ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ މިއަދު މި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު، މަޝްރޫއުގެ ސާވޭ އަދި ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކޮންޓްރެކްޓަރު ފަށާނެ ކަމަށާއި، މަސައްކަތު ސައިޓު ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސީއެމްއީސީ އާއި ހައުސިން މިނިސްޓްރީއާއެކު ސޮއި ކުރެވުނު އެމްއޯޔޫއެއްގެ ދަށުން ކުރެވުނު މަސައްކަތްތަކެއްގެ ނަތީޖާކަމަށްވެސް މުއްތަލިބް ވިދާޅުވި އެވެ.
ޕްރޮޖެކްޓްގެ ތެރެއިން ކުރެވޭ މައިގަނޑު މަސައްކަތްތައް
ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް ގާއިމުކުރުން
ފެނާއި ނަރުދަމާގެ ނިޒާމުގެ ގާއިމުކުރުން
ޑީވޯޓަރިން ސިސްޓަމް ގާއިމުކުރުން
މަގުތައް ޒަމާނީ ފެންވަރަށް ހެދުން
ޖީޕޮން ޑަކްޓިން ސިސްޓަމް ގާއިމުކުރުން
ގޭސް ސްޓޯރޭޖާއި ޑިސްޓްރިބިއުޝަން ސިސްޓަމް ގާއިމުކުރުން
ގުޅިފަޅުން ވަނީ ގާތްގަނޑަކަށް 300 ހެކްޓަރުގެ ބިން ހިއްކައިފަ އެވެ. އެ ބިމުގެ ތެރެއިން ވަރަށް ބޮޑު ބައެއް ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރަމުންދާތީ، މަސައްކަތް ކުރެވެންހުރި ބިންތަކުގައި މަސައްކަތް ފަށައިގަތުމަށް ނިންމާފައިވާ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.