ދިރާގު ހައި ސްޕީޑް ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފޯރުކޮށްދީފި އެވެ.
މިކަން ދިރާގުން އިއުލާންކުރީ މިއަދު ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މިއީ ދިވެހި ރާއްޖޭގެ މުވާސަލާތީ ސިނާއަތަށް ލިބިގެންދާ އަދި ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭވަރުގެ ބޮޑު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
ދިރާގުން ބުނިގޮތުގައި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ފައިބަ ޚިދުމަތް 100 އިންސައްތަ އާބާދީއަށް ފޮރުކޮށްދީފައިވަނީ މަދު ގައުމެއްގަ އެވެ.
"ބްރޯޑްބޭންޑް އަކީ ގައުމެއްގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގެ ކުރިއެރުމަށް އިތުރު ހަލުވިކަމެއް ގެނެސްދޭނޭކަމެއް. ދުނިޔޭގެ ގިނަ ގައުމުތަކުގެ ތަރައްގީގެ ޕްލޭންގައި ބްރޯޑްބޭންޑްގެ ޚިދުމަތް ފުޅާކުރުމަށް މުހިންމު ކަމެއްގެ ގޮތުގައި ހިމަނާފައިވުމަކީ މީގެ ވަރަށް ބޮޑު ހެއްކެއް،" ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.
ދިރާގުން ބުނީ މި ހިދުމަތް ފުޅާކުރުމުގެ ގޮތުން ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ރާއްޖެ "ސްމާޓް ނޭޝަން"އަކަށް ވުމަށާއި "ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދެވޭ އިންޓަނެޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް އަދި އިންޓަނެޓްގެ އަގު އަތްފޯރާފަށަށް ތިރިކުރުމަށް" ކުރަމުން ގެންދާ މަސައްކަތައް ރާއްޖޭގެ ހުރިހާ ރަށަކަށް ދިރާގު ހައި ސްޕީޑް ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވިގޮތުގައި ދިރާގު ހައި ސްޕީޑް ފައިބަ ބްރޯޑްބޭންޑް ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ފުރަތަމަ ފަހަރަށް ފޯރުކޮށްދިނުމުގެ ޝަރަފު ލިބުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ސީއީއޯ ވަނީ ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ދިރާގުގެ ޚިދުމަތް ބޭނުންކުރައްވަމުން ގެންދަވާ ކަސްޓަމަރުންނަށް މަރުހަބާއާއި ޝުކުރު ދަންނަވާފަ އެވެ.
މީގެ އިތުރުން ހައިސް ޕީޑް ބްރޯޑްބޭންޑް އަކީ ޑިޖިޓަލް ޚިދުމަތްތައް ރައްޔިތުންނާ ހަމައަށް ވާސިލްކޮށްދިނުމަށް ބޭނުންވާ މުހިންމު ވަސީލަތެއް ކަމަށާއި ދިރާގުން މި ހާސިލްކުރި ކާމިޔާބީއާ އެކު ރާއްޖޭގެ ޑިޖިޓަލް ވިއުގަ އިތުރަށް ހަރުދަނާވެ، ގައުމުގެ ޑިޖިޓަލް ތަރައްގީގެ ދުވެލި އިތުރު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
ދިރާގުން ބުނިގޮތުގައި މިއީ ދިރާގުގެ ޚިދުމަތްތައް ރާއްޖޭގެ އެންމެންނަށް އެއްފެންވަރެއްގައި ފޯރުކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބިއެއް ކަމަށާއި، އަދި މިފަދަ ބޮޑު މަޝްރޫއެއް ނިންމާލާ، ދިރާގުގެ "ޑިޖިޓަލް ރާއްޖޭ"ގެ ތަސައްވަރު ހަގީގަތަކަށް ހެދުމުގައި ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބިފައިވާ ކަމަށް ވެސް ސީއީއޯ ފާހަގަކުރެއްވި އެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކުންނާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ދިރާގަށް ދެއްވަމުންގެންދަވާ އެއްބާރުލުން ފާހަގަކޮށް، ޕާޓްނަރުންނާއި ދިރާގުން މިމަސައްކަތުގައި އަމަލީގޮތުން ބައިވެރިވި ހުރިހާ މުވައްޒަފުންނަށް ވެސް ވަރަށް އިހްލާސްތެރިކަމާއެކު އޭނާޝުކުރު ދަންނަވާފައިވެ އެވެ.