ކޮފީއަކީ އިންސާނާގެ އާއްމު ސިއްހަތު ރަނގަޅުކޮށްދީ ދިފާއީ ނިޒާމު ވަރުގަދަކޮށް ބަލިތަކުން ދުރުކޮށްދޭ ބުއިމެއްގެ ގޮތުގައި ބެލެވިފައިވާ ބުއިމެކެވެ.
އެހެން ނަމަވެސް ކޮފީގެ ހަގީގީ ފައިދާ ލިބޭނީ ދުވާލުގެ ވަކި ވަގުތެއްގައި އެ ބުއިމުން ކަމަށް ދާދި ފަހުން ހެދި ދިރާސާއަކުން މިވަނީ ހާމަވެފަ އެވެ.
ތުލޭން ޔުނިވާސިޓީގެ އޮބޭސިޓީ ރިސާޗް ސެންޓަރުން ހަދާފައިވާ އެ ދިރާސާގައި ބުނެފައިވަނީ ކޮފީއިން ހަށިގަނޑަށް ކުރަންވާ އެންމެ ރަނގަޅު ފައިދާ ކުރާނީ ހެނދުނުގެ ވަގުތުގައި އެ ބޯނަމަ އެވެ.
ހެނދުނު ކޮފީ ބޯނަމަ ފުރާނައަށް ނުރައްކާކުރާ އެންމެ އާއްމު ދެ ބަލި ކަމަށްވާ ހަކުރު ބައްޔާއި ހިތުގެ ބަލިން ދުރުކޮށްދޭ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
ހެނދުނު ކޮފީ ބުއިމުގެ ފައިދާތައް އެ ދިރާސާގައި ފާހަގަ ކޮށްފައި ނުވި ނަމަވެސް ދުވަހުގެ އެހެން ވަގުތުތަކުގައި ކޮފީ ބޯ މީހުންގެ ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރު ހެނދުނު ކޮފީ ބޯ މީހުންނަށް ނުކުރާ ކަމަށް އެ ދިރާސާގައި ހާމަކޮށްފައިވެ އެވެ.
އެގޮތުން ދުވަހުގެ އެހެން ވަގުތުތަކުގައި ކޮފީ ބޯ މީހުންގެ އާއްމު ސިއްހަތު ހެނދުނު ކޮފީ ބޯ މީހުންނަށްވުރެ ގޯސްކަމަށް ސައިންސްވެރިން ބުނެ އެވެ.
ކޮންމެ ދުވަހެއް ވެސް ކޮފީއަކުން ފެށުމަކީ ގިނަ ބައެއްގެ އާދައަކަށްވާއިރު އެއީ ސިއްހީ ގޮތުން ފައިދާހުރި ކަމެއްކަން ސައިންސުން މިވަނީ ސާބިތު ކޮށްދީފަ އެވެ.
-ބީބީސީ-