މިދިޔަ މަހު މީރާއަށް ޓެކްސް އާއި އެނޫން ވެސް ގޮތްގޮތުން އާމްދަނީގެ ގޮތުގައި 2.33 ބިލިއަން ރުފިޔާ ދައްކައިފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 4.7 ޕަސެންޓް އިތުރު އަދަދެކެވެ. އަދި، އެއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 20.1 ޕަސެންޓް އިތުރު އަދަދެއް ކަމަށް މީރާއިން ބުނެ އެވެ.

މީރާއިން ބުނިގޮތުގައި ޑިސެންބަރު 2023 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ މަހު ލިބުނު އާމްދަނީ މަތިވުމުގެ މައިގަނޑު ސަބަބަކީ، ޖީއެސްޓީ، ގްރީން ޓެކްސް އަދި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން، ޑިސެންބަރު މަހު ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 5.7 ޕަސެންޓް އިތުރަށް އައުމުން އެ ދާއިރާއާ ގުޅުންހުރި އާމްދަނީ އިތުރުވެފައިވުމަކީ ވެސް ޑިސެންބަރު މަހުގެ އާމްދަނީ އިތުރުވުމުގެ އެއް ސަބަބު ކަމަށް އެ އިދާރާއިން ބުނެ އެވެ.

މީރާއިން ބުނީ މިދިޔަ މަހު އަންދާޒާ ކޮށްފައިވާ އާމްދަނީއަށް ވުރެ 20.1 ޕަސެންޓް އިތުރުވި މައިގަނޑު އެއް ސަބަބަކީ ގްރީން ޓެކުހާއި، ވާކް ޕާމިޓް ފީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ، ބިދޭސީންގެ ކޯޓާ ފީ އަދި ޓޫރިޒަމް ދާއިރާ ނޫން އެހެނިހެން ދާއިރާތަކުގެ ޖީއެސްޓީ އިން ލިބުނު އާމްދަނީ އިތުރުވުން ކަމަށެވެ. އަދި މީގެ އިތުރުން، މިދިޔަ މަހު ލިބުނު އާމްދަނީގެ 17.5 ޕަސެންޓަކީ މީރާގެ އެންފޯސްމަންޓް ފިޔަވަޅުތަކުގެ ދަށުން ހޯދާފައިވާ އާމްދަނީ ކަމަށް މީރާއިން ބުނެ އެވެ.

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 57.34 ޕަސެންޓް ނުވަތަ 1.33 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގަ އެވެ. އެއީ 16.25 ޕަސެންޓް ނުވަތަ 378.55 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 116.16 މިލިއަން ރުފިޔާ (5.0 ޕަސެންޓް)، ގްރީން ޓެކުހުގެ ގޮތުގައި 109.46 މިލިއަން ރުފިޔާ (4.7 ޕަސެންޓް)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 95.39 މިލިއަން ރުފިޔާ (4.1 ޕަސެންޓް)، އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 93.93 މިލިއަން ރުފިޔާ (4.0 ޕަސެންޓް) ލިބިފައިވާ ކަމަށް މީރާ އިން ބުނެ އެވެ.

މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި 112.75 މިލިއަން ޑޮލަރު ހިމެނެ އެވެ.