ޑައުން ސިންޑްރޯމްއަކީ ކްރޮމޮސޯމެއްގައި ހުންނަ އައިބެއްގެ ސަބަބުން މައިމީހާގެ ބަނޑުގައި ކުއްޖާ އުފެދެމުންދާއިރު، ސިކުނޑިއާއި ހަށިގަނޑު އުފެދުމުގައި އުނިކަމެއް ހުރުން. އެއުނިކަމުގެ ސަބަބުން އުނގެނުމުގައި ތަފާތު ގޮންޖެހުން މެދުވެރިވޭ. ނަމަވެސް ފުރިހަމަ ލޯތްބާއި، އަޅާލުމާއި އަދި އެއްބާރުލުމާއެކު އެކުދިންނަށް ވެސް ރަނގަޅު މުސްތަގްބަލެއް ހޯދައިދެވުމަކީ ދުރުކަމެއް ނޫން. އުމުރުން 25 އަހަރުގެ މެކްސިކޯއަށް ނިސްބަތްވާ ޑައުން ސިންޑްރޯމް ކުއްޖެއް ކަމަށްވާ އަނާ ވިކް ދުނިޔޭގެ ފުރަތަމަ ޑައުންސިންޑްރޯމް ބަލި ހުރި ލޯޔާ ނުވަތަ ވަކީލާ. އަނާ ކަހަލަ ޑައުންސިންޑްރޯމް ކުއްޖަކު ލޯ ޑިގްރީއެއް ހާސިލްކުރުމަކީ އެފަދަ އެހެން ކުދިންގެ ބެލެނިވެރިންނަށް ލިބުނު ހިތްވަރެއް. އަދި އާންމުން ޑައުންސިންޑްރޯމް ކުދިންނާ ދޭތެރޭ ދެކޭގޮތް ބަދަލުކުރި ކުރުމެއް.

ޑައުން ސިންޑްރޯމްއަކީ ކްރޮމޮސޯމެއްގައި ހުންނަ އައިބެއްގެ ސަބަބުން މައިމީހާގެ ބަނޑުގައި ކުއްޖާ އުފެދެމުންދާއިރު، ސިކުނޑިއާއި ހަށިގަނޑު އުފެދުމުގައި އުނިކަމެއް ހުރުމެވެ.

ޑައުން ސިންޑްރޯމް ހުންނަ ކުދިން ވަކި ކުރެވޭ ޚާއްސަ ސިފަތަކެއް ވެސް ހުރެ އެވެ. އޭގެ ތެރޭގައި ކަރު ކުރުވުން، ދޫ ބޮޑުވުން އޭގެ ސަބަބުން ބޭރަށް ނިކުމެފައި ހުންނަހެން ސިފަވުން، ގައިގެ މަސަތަކުގައި ބާރު ނެތުން އަދި ލޯމައްޗަށް ލެނބިފައި ހުރުމަކީ ފެންނަން ހުންނަ ބައެއް ނިޝާންތަކެވެ.

އެކުދިންގެ ސިކުނޑީގައި ހުންނަ އުނިކަމެއްގެ ސަބަބުން އުނގެނުމައިގެން ކުރިއަށް ދިއުމުގައި ތަފާތު

ގޮންޖެހުން ވެސް މެދުވެރިވެ އެވެ. މިތާ ވިސްނާލަން ޖެހޭ އެންމެ މުހިންމު ނުކުތާއަކީ ޑައުން ސިންޑްރޯމް ބަލީގެ ދެކުދިން އެއްގޮތް ނުވާނެކަމެވެ. މަސައްކަތް ކުރުމާއި ގާބިލް ކަމުގައި ވެސް މެ އެވެ. ވީމާ އެކުދިން ބަލަހައްޓަން ތިބޭ މީހުންގެ ފުރިހަމަ ލޯތްބާއި، އަޅާލުމާއި އެއްބާރުލުމާއެކު އެކުދިންނަށް ވެސް ރަނގަޅު މުސްތަގްބަލެއް ފެނުމަކީ ދުރުކަމެއް ނޫނެވެ.

މެކްސިކޯގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވަކީލެއްގެ ހުވާކުރި އުމުރުން 25 އަހަރުގެ ޑައުން ސިންޑްރޯމް ކުއްޖެއް ކަމަށްވާ އަނާ ވިކްޓޯރިއާއަކީ ފުރިހަމަ ސްޕޯޓް ލިބިގެން ޑައުން ސިންޑްރޯމް ކުއްޖެއްގެ މުސްތަގްބަލަށް ހެޔޮބަދަލުތަކެއް ގެނެވިދާނެ ކަމުގެ ދިރިހުރި މިސާލެކެވެ.

އޭނާ ވަކީލަކަށްވުމަށް ދެކުނު ހުވަފެން ހަގީގަތަކަށް ވީ އޭނާއަށް ލިބުނު އެހީތެރިކަމުންނެވެ. އެ އެހީތެރިކަމުގެ ތެރެއިން އެ ދާއިރާއަށް ދިއުމަށް ފުރުސަތު ހުޅުވުނެވެ. މެކްސިކޯގެ ޔުނިވާސިޓީއެއް ކަމަށްވާ ޔުނިވާސިޑެޑް އޮޓޮނޮމާ ޑީ ޒަކާޓެކަސް އިން 2024 ގައި ގްރެޖުއޭޓްވި އަނާ އަކީ ކިޔެވި ދުވަސްވަރު އެތަކެއް ގޮންޖެހުންތަކާ ދިމާވި ކުއްޖެކެވެ. ނަމަވެސް އަނާއަށް ދިމާވި ޕްރޮފެސަރަކަށް ލޯޔަރަކަށް ވުމަށް އަނާ އޭނާގެ ހުރި ޝައުގުވެރިކަމާއި އެކަމަށް ހުރި ގާބިލްކަން ފެނި އެކަން ކުރެވިދާނެކަން ގަބޫލު ކުރި އެވެ. ދުނިޔޭގައި ތިބި ޑައުން ސިންޑްރޯމް ކުދިންގެ ތެރެއިން ކޮލެޖް ޑިގްރީއެއް ލިބުނު މަދު ކުދިންގެ ތެރޭގައި އަނާ ހިމެނެ އެވެ.

އަނާ ލޯޔަރަކަށް ވެވުނީ ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބުމުން

ކިޔަވައިދިނީ ގޭގައި އޮންލައިކޮށް

އެހެން ކުދިންގެ ފަރާތުން ދިމާވެދާނެ ފުރައްސާރައިން ރައްކާވެހުރުމަށް އަނާ މަތީސަނާވީ އާއި ހަމައަށް ކިޔެވީ ގޭގައި އޮންލައިންކޮށެވެ. އެއަށްފަހު ލޯޔަރުކަން ކިޔެވުމަށް ޔުނިވާސިޓީއަކާ ގުޅުނެވެ. ނަމަވެސް އެ ޔުނިވަސީޓީގެ ކަންކަން އަނާ ކަހަލަ ކުއްޖަކު ބަލައިގަތުމަށް ތައްޔާރުވެފައި ނުވާތީ ފުރަތަމަ ދުވަސްކޮޅު ގިނަ އުނދަގޫތަކާއި އޭނާއަށް ކުރިމަތިލާން ޖެހުނެވެ. އެހެން ނަމަވެސް ހިތްވަރާއެކު ކުރި މަސައްކަތާއި އޭނާ "ޝެޑޯ ޓީޗަރު" ގެނަމުން މުޚާތަބު ކުރާ އެ ޔުނިވާސިޓީގެ ޕްރޮފެސާގެ އެހީތެރިކަމާއެކު ލޯ ކިޔެވުމުގައި ދިމާވި ހުރަސްތައް ގިރާކުރެވުނެވެ.

ގިނަ ހަރަކާތްތަކަކުން ގިނަ ތަޖުރިބާތަކެއް

ކިޔެވުމުން ބޭރު ގިނަ ހަރަކާތްތަކެއްގައި އަނާ ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުތަކަށް ވަކާލާތުކޮށް އެކި ޕޯޑިއަމްތަކުގައި އަޑުއުފުލުމަށް ލިބޭ ފުރުސަތުތައް ހިމެނެ އެވެ. އެފަދަ ހަރަކާތްތަކުގެ ސަބަބުން ވަކާލާތު ކުރުމުގެ ދާއިރާއާބެހޭ ގިނަ ކަންތައްތަކެއް އޮޅުންފިލި އެވެ. ގިނަ މީހުނަށް އަނާ ތައާރަފްވި އެވެ. އަދި ގިނަ ފުރުސަތުތަކެއް އޭނާއަށް ފަހިވެގެން ދިޔަ އެވެ.

އަނާ ވިކްޓޯރިއާ: ދުނިޔޭގެ އެންމެ ފުރަތަމަ ޑައުން ސިންޑްރޯމް ލޯޔަރު

އަނާއަކީ 2014 އިން ފެށިގެން ކުރެހުމުގެ ރޮނގުގައި ވެސް ފާހަގަކޮށްލެވޭ ކުއްޖެކެވެ. އެކި ކުރެހުމުގެ މައުރަޒުތަކުގައި "ޑެސްޑީ މީ ސިއެއްލޯ " (އަހަރެންގެ އުދަރެސް) ސުރުހީގެ ދަށުން އޭނާގެ ކުރެހުމުގެ ފަންނުވެރިކަން ވަނީ ދައްކާލާފަ އެވެ. އޭގެ ތެރޭގައި މެކްސިކޯ ސިޓީގައި ހުންނަ ލޮބީ އޮފް ދަ ކޮންގްރެސް އޮފް ދަ ޔޫނިއަންގައި ދައްކައިލެވުނު ކުރެހުންތައް ފާހަގަކުރެވެ އެވެ.

އަނާ ކަހަލަ ޑައުންސިންޑްރޯމް ކުއްޖަކު ގާނޫނީ ދާއިރާއިން ޑިގްރީއެއް ހާސިލް ކުރުމަކީ އެފަދަ އެހެން ކުދިންގެ ބެލެނިވެރިންނަށް ލިބުނު ހިތްވަރެކެވެ. އަދި އާންމުން ޑައުންސިންޑްރޯމް ކުދިންނާ ދޭތެރޭ ދެކޭގޮތް ބަދަލުކުރި ކުރުމެއް ވެސް މެ އެވެ.

ޑިގްރީ ހާސިލްކުރުމަށް ފަހު އަނާގެ މިހާރުގެ މަސައްކަތަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާ ދޭތެރޭ އެހެން މީހުން ގެންގުޅޭ ތަފާތުކުރުން ނައްތާލުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގުމެވެ. އޭނާގެ މި މަސައްކަތުގެ ސަބަބުން އެހެން ގައުމުތަކުން ވެސް އޭނާއަށް ވަޒީފާގެ ފުރުސަތު ލިބެމުންދާކަމަށް ވެ އެވެ.