އެމެރިކާގެ ލޮސް އެންޖެލެސްގައި ރޯވި އަލިފާންގަނޑުގައި ސުޕަ މޮޑެލް ބެއްލާ ހަދީދް ކުޑައިރު ދިރިއުޅުނު ގެ ވެސް އަނދާ އަޅިއަށް ވެފައިވާ ކަމަށް ބުނެފި އެވެ.

ބެލާ ވަނީ މަލިބޫގައި ހުންނަ އެ ގެ އެއްކޮށް ބިމާ ހަމަވެފައިވާ މަންޒަރު ފެންނަ ފޮޓޯއެއް އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ.

އެއާއެކު ބެލާގެ އިންސްޓަގްރާމް ސްޓޯރީގައި އޭނާ ވަނީ މި އުނދަގޫ ދަނޑިވަޅުގައި އޭނާއަށް ތައުޒިޔާ ކިޔަމުން އަންނަ އެންމެންނަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

"މިއީ އެތައް ހަނދާނަކާ ގުޅިފައިވާ ގެއެއް. މިތަނުގައި އަހަރުމެން އެކީގައި ގިނަ ވަގުތުތަކެއް ހޭދަކޮށްފައިވާނެ. އަހަރެންގެ މަންމަ މިތަން ގެންގުޅުނީ ވަރަށް ލޯބިން" ބެލާ ބުނެފައިވެ އެވެ.

އެ ގެއަކީ ބެލާގެ މަންމަ ޔޮލަންޑާ ހަދީދްގެ ގެއަކަށްވާއިރު ބެލާގެ އިތުރުން ގިގީ ހަދީދް ވެސް ޅަފަތުގައި ދިރިއުޅުނީ ހަމަ އެ ގޭގަ އެވެ.

ބެލާ ވަނީ އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާތަކަށް ފަންޑް ރެއިޒިންއެއް ކުރިއަށް ގެންދާނެ ކަން ވެސް އިއުލާން ކޮށްފަ އެވެ.