ކެފޭ، ރެސްޓޯރަންޓްތައް ހިންގާ ފަރާތްތަކުގެ ޕްރެޝަރު ބޮޑުވުމުން ކެފޭ، ރެސްޓޯރަންޓުތައް ހުޅުވައިގެން ހިދުމަތް ދޭ ވަގުތު އިތުރުކޮށްފި އެވެ.
ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ރޭގަނޑު 8:00 ން 10:30 އާ ދެމެދު ހަމައެކަނި ޑެލިވަރިކުރެވޭ ގޮތަށް ހެދުމުން ވަރަށް ބޮޑު ގެއްލުމަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އަދި އެކަމުގެ ޝަކުވާ އެތައް ބަޔަކު ކުރުމުން އެޗްޕީއޭ އިން އެކަން ބަލައިނުގަނެ ރޭ ވެސް ވަނީ މުއްދަތު އިތުރުކޮށްފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭގަނޑު 8:00 އިން ފެށިގެން މާލެ ސަރަހައްދުގައި ހިންގާ ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުން ޓޭކްއަވޭ އާއި ޑެލިވަރީ ފިޔަވައި އިތުރު ހިދުމަތްތައް ދިނުން ހުއްޓާލަން އެންގި އެންގުން މިއަދުން ފެށިގެން ބާތިލުކޮށްފަ އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އެންގުމުގައި ބުނެފައިވަނީ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށްޓާއި ގުޅީފަޅުގައި ހިންގާ ކެފޭ، ހޮޓާ އަދި ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން، ހުޅުވައިގެން ހިދުމަތް ދިނުން ރޭގަނޑު 10:30އާ ހަމައަށް ހުޅުވާލަފައިވާ ކަމަށެވެ.
ރޭގަނޑު 8:00 އިން ފެށިގެން މާލެ ސަރަހައްދުގައި ހިންގާ ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުން ޓޭކްއަވޭއާއި ޑެލިވަރީ ފިޔަވައި އިތުރު ހިދުމަތްތައް ދިނުން ހުއްޓާލަން އެޗްޕީއޭއިން އެންގި އެންގުމުގެ މުއްދަތު ހަތަރު ދުވަހަށް އިތުރު ކުރީ ރޭގަ އެވެ. ނަމަވެސް މިއަދު އާންމުކުރި އެންގުމުގައި ބުނީ، އެ އެންގުން މިހާރު ބާތިލްކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި އަދި ވަކިން ހާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވުމާއެކު މާލެ ސަރަހައްދުގައި ކާފިއު ހިންގުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.
އެގޮތުން ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާއިރު، ރޭގަނޑު އެގާރައިން ފަތިހު 4:30އާ ހަމައަށް ބޭރަށް ނުކުމެ އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.