އަލުން ނޫސްވެރިކަމަށް ނުކުންނަންވެގެން ހުސެއިން ފިޔާޒު މޫސާ އިންފޮމޭޝަން ކޮމިޝަނަރު (އައިކޮމް) އިން އިސްތިއުފާދެއްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ފިޔާޒްގެ އިސްތިއުފާގެ ސިޓީ މިހާރު ރައީސް އޮފީހަށް ލިބިފައިވާކަން "ހުރިހާ"އަށް ވެސް ކަށަވަރުކޮށްދެއްވައިފަ އެވެ. އެ ސިޓީގައި އޭނާ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ނެތް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 16 މަސް ދުވަހު އައިކޮމްގައި މަސައްކަތް ކުރެއްވުމަށްފަހު ފިޔާޒް އިސްތިއުފާދެއްވައި މިއަދު ވިދާޅުވީ، މަގާމުން އިސްތިއުފާދެއްވީ އަލުން ނޫސްވެރިކަމަށް ނުކުންނަން ވެގެން ކަމަށެވެ.

"އާފަތިސް" ނޫހާއި "މިއަދު" އަދި "ހަވީރު" ގައި ގިނަ ދުވަސްތަކެއް ވަންދެން ނޫސްވެރިކަންކުރުމަށް ފަހު، ރާއްޖޭގެ ޓީވީގައި ޗީފް އޮޕަރޭޓިން އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި އެވެ.

ގާތްގަނޑަކަށް ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ފިޔާޒް އަލުން ނޫސްވެރިކަން ކުރަން ފަށަނީ އަލަށް ރަޖިސްޓްރީކޮށް އަންނަ މަހު ކުރީކޮޅު ނެރުމަށް މަސައްކަތްކުރަމުން އަންނަ އޮންލައިން ނޫހެއްގައި ކަމަށް އެނގިފައިވެ އެވެ.

ރައީސް އޮފީހުން ބުނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ތ. ވިލުފުށި، އަތަމާގެ، ހުސައިން ފިޔާޒް މޫސާ އެ މަގާމުން މިއަދު އިސްތިޢުފާ ދެއްވާފައިވާ ކަމަށެވެ. އަދި އެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރައްވާފައިވަނީ އޮކްޓޫބަރު 31 2019 ގަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ޚާދިމެކެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 29 ވަނަ މާއްދާއާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 43 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ޖުލައި 13، 2014 ގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެކެވެ.