މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްގައި މަހަކު 13،000ރ. ގެ މުސާރަ ލިބޭ 30 ޔޫތު އެސޯސިއޭޓްސް އާއި މަހަކު 18،000ރ.ގެ މުސާރަ ލިބޭ 8 ޔޫތު އެގްޒެކްޓިވުން އައްޔަން ކޮށްފައިވާކަން ހާމަވެއްޖެ އެވެ.

އެ މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ ލިސްޓެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މި ލިސްޓްގައި މިނިސްޓަރު އަހުމަދު މަހުލޫފްގެ އިތުރުން އެއް ސްޓޭޓް މިނިސްޓަރާއި ހަތަރު ޑެޕިއުޓީ މިނިސްޓަރުންގެ މުސާރަ އާއި އިނާޔަތްތައް ވެސް ހާމަކޮށްފައިވެ އެވެ. މީގެ އިތުރުން މިނިސްޓަރުގެ ޕާސަނަލް އެސިސްޓެންޓާއި ސްޕޯޓްސް ކޮމިޝަނަރު އަދި ސީނިއާ ޕޮލިސީ ޑައިރެކްޓަރަކާއި ސީނިއާ އެގްޒެކްޓިވް ޑައިރެކްޓަރު އަދި އެގްޒެކެޓިވް ޑައިރެކްޓަރެއް ވެސް އައްޔަންކޮށްފައިވެ އެވެ.

އެ ލިސްޓްގައިވާ ގޮތުން 30 ޔޫތު އެސޯސިއޭޓްސްއަށް މުސާރައިގެ ގޮތުގައި މަހަކު 390،000ރ. ޚަރަދުވާނެ އެވެ. އަދި ޔޫތު އެސޯސިއޭޓްސްގެ މުސާރައިގެ ގޮތުގައި މަހަކު 144،000ރ. ޚަރަދުވާނެ އެވެ.

ޔޫތު އެސޯސިއޭޓްސްގެ އަސާސީ މުސާރައަކީ 8،000ރ. އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 5،000ރ. އެވެ. އަދި ޔޫތު އެގްޒެކެޓިވުންގެ އަސާސީ މުސާރައަކީ 11،000ރ. އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 7،000ރ. ލިބެ އެވެ.

ޔޫތު މިނިސްޓްރީގެ ޔޫތު އެގްޒެކްޓިވުންނާއި ޔޫތު އެސޯސިއޭޓްސް އައްޔަންކޮށްފައި ވަނީ އަތޮޅު ތެރޭގެ ރަށްރަށުގައި ހަރަކާތްތެރިވުމަށެވެ. މި މަގާމުތަކަށް އައްޔަންކުރި މީހުންގެ މަސްއޫލިއްޔަތަކީ ކޮބައިކަމެއް ސާފުވާ ގޮތެއް ނުވި އެވެ.

ސަރުކާރުގެ މިނިސްޓްރީތަކުގެ ތެރެއިން ސިޔާސީ މަގާމުތައް އެންމެ ގިނަ އެއް މިނިސްޓްރީއަކީ ޔޫތު މިނިސްޓްރީ އެވެ.