މިއީ އެމެރިކާއަށް ނިސްބަތްވާ ދެމަފިރިންނަށް ލިބުނު ހަށިގަނޑުން ގުޅިފައިވާ އެއްމާބަނޑު ދެކުއްޖެއްގެ ވާހަކަ އެވެ.

އަލީސަން އާއި ފިލް އަށް ލިބުނު ދެކުދިން ވިހެއި އިރު ހީވަނީ އެއް ކުއްޖަކު އަނެއް ކުއްޖާ ގައިގައި ބައްދާލައިގެން އޮތް ހެންނެވެ. ކުދިންގެ ހަށިގަނޑު ގުޅިފައި ހުރީ މެއިން ފެށިގެން ފޫޅާ ހަމައަށެވެ. ކޮންމެ ކުއްޖެއްގެ ވެސް އެ ކުއްޖެއްގެ އަތާއި ފައި އަދި ހިތެއް އޮތެވެ. އެހެން ނަމަވެސް ލިވާ ހުރީ ގުޅިފަ އެވެ. އެ ކުދިންގެ އުމުރުން 14 މަހުގައި، 11 ގަޑިއިރުގެ ކާމިޔާބު އޮޕަރޭޝަނަކަށް ފަހު ހަށިގަނޑުތައް ވަނީ ކާމިޔާބުކަމާއެކު ވަކިކޮށްފަ އެވެ.

މި އޮޕަރޭޝަންގެ ފަހުން މިހާރު ހަ މަސްވެފައިވާ އިރު، އެ ދެކުދިންގެ ހާލު ވެސް ރަނގަޅު ކަމަށް ކުދިންގެ މަންމަ އަލީސަން ބުންޏެވެ.

އަލީސަން ވަނީ އޮޕަރޭޝަނަށް ފަހު އެންމެ ފުރަތަމަ ކުދިން އުރާލަން ލިބުނު ވަގުތު ކޮޅުގެ އިހުސާސުތައް "ޑެއިލީ މެއިލް" އާ ހިއްސާކޮށްފަ އެވެ.

"ދެ ކުދިން ދެ އެނދުގައި އޮތް ތަން ފެނި އުފާވެރި އިހުސާސެއް ކުރެވުނު. އެއީ ވިހެއި ފަހުން ވެސް އެ ކުދިން އެކަކު އަނެކަކާ އެހާ ދުރުގައި ތިބި ފުރަތަމަ ފަހަރު. ކުދިންގެ ބަނޑު ފެނިފައި ފެންކަޅިވި،" އޭނާ ބުންޏެވެ.

އަލީސަން އިތުރަށް ބުނި ގޮތުގައި ވަކި ކުރުމުން އެ ކުދިންގެ ހެދިބޮޑުވުމަށް އަންނާނެ ބަދަލުތަކާ ގުޅޭ ގޮތުން ކަންބޮޑުވި އެވެ. އެހެން ނަމަވެސް މިހާރު އެ ކަންބޮޑުވުންތައް ފިލާ ގޮސްފި ކަމަށް އޭނާ ބުންޏެވެ.

އަލީސަން އާއި އޭނާގެ ފިރިމީހާ ފިލް އަށް، އެ ދެ މީހުންނަށް ލިބެން އުޅެނީ ހަށިގަނޑުން ގުޅިފައިވާ އެއްމާބަނޑު ދެ ކުދިންކަން އެނގުނީ ބަނޑަށް 20 ހަފްތާގައި ހެދި ސްކޭނަކުންނެވެ.

"އެއީ މީހަކަށް ލިބޭނެ އެންމެ ހިތާމަވެރި ހަބަރު. ސަބަބަކީ އެކަހަލަ ކުދިން ދުނިޔޭގައި ތިބުމުގެ ފުރުސަރު ކުޑަ ކަމަށް ތަފާސްހިސަބުތަކުން ދައްކާތީ،" އޭނާ ބުންޏެވެ.

އެންމެ ފުރަތަމަ ވިހެއުމުން ހަށިގަނޑުތައް ވަކިކުރަން ސާޖަރީ ކުރުމާ ހަމައަށް ވެސް އެކުދިން ދުނިޔޭގައި ތިބޭނެ ކަމުގެ އުންމީދު ކުޑަވި އެވެ. އެންމެ ފުރަތަމަ ސާޖަރީ ކުރަން ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ ފެބްރުއަރީގަ އެވެ. އެހެން ނަމަވެސް އެ ކުދިންނަށް ނިއުމޯނިއާ ޖެހި އަދި އެފަހުން ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ބަލިމަޑުކަމާ އެކު އެ ސާޖަރީ ލަސްވެގެން ދިޔަ އެވެ.

ކުރިއަށް އޮތްތަނުގައި ވެސް އެ ކުދިންގެ އިތުރު ސާޖަރީތަކެއް ކުރަން ޖެހިދާނެ ކަމަށް ޑޮކްޓަރުން ލަފާކުރިއަސް، އެހެން ކުދިން ފަދައިން އެ ކުދިންނަށް ވެސް އުޅެވޭނެ ކަމުގެ އުންމީދު ވަނީ ބޮޑުވެފަ އެވެ.