މިދިޔަ ބުރާސްފަތި ވިލޭރޭ ވަޅީގެ ހަމަލާތަކެއް އަމާޒުވި ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ޚާން ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
ސައިފް ދޫކޮށްލާފައިވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ހޮސްޕިޓަލުން އޭނާ ގެއަށް ދިޔައީ ފުލުހުންގެ ހައި ސެކިއުރިޓީގަ އެވެ.
ހަމަލާއަށް ހަފްތާއެއް ނުވަނީސް ސައިފް ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު ފާހަގަކޮށްލަން ޖެހޭ ކަމަކީ އޭނާ ގެއަށް ދިޔައީ ހިނގާފައި ކަމެވެ.
ފުރޮޅުލީ ގޮނޑިއެއް ބޭނުންނުކޮށް އަމިއްލައަށް ހޮސްޕިޓަލުން ނުކުމެ ވެހިކަލަށް އެރިއިރު އެކަން ފާހަގަކޮށް ގިނަ ބަޔަކު އަންނަނީ އޭނާގެ ހިތްވަރަށް ތައުރީފު ކުރަމުންނެވެ.
ސައިފްއަށް ވަޅިން ހަމަލާ ދީފައިވަނީ ބުރާސްފަތި ވިލޭރޭ އޭނާއާއި އޭނާގެ އާއިލާ ދިރިއުޅެމުން އައި ގެއަށް ވަތް ވަގަކު ހުއްޓުވުމުގެ ތެރޭގަ އެވެ. އެ ކުރިމަތިލުމުގައި ސައިފްގެ ހަށިގަނޑުގެ ހަ ތަނަކަށް ވަޅިން ހަމަލާ ދީފައިވެ އެވެ.
މި ހަމަލާއަށްފަހު ސައިފްއާއި އޭނާގެ އާއިލާގެ ސެކިއުރިޓީ ވަރުގަދަ ކުރެވިފައިވާއިރު އެ އާއިލާ ދިރިއުޅެމުން އަންނަ ގެ ބަދަލުކުރަން އުޅޭ ހަބަރެއް ވެސް ވަނީ ދައުރުވާން ފަށާފަ އެވެ.