އެމެރިކާގައި ޓިކްޓޮކް މަނާ ކުރިޔަސް ޗައިނާގެ ކިބައިން އެގައުމަށް ސަލާމަތެއް ނެތް ކަމަށް އެމެރިކާގެ ރައީސްކަމުގެ ހުވާ ދާދި ފަހުން ކުރެއްވި ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ވެރިކަމަށް އެރުމުގެ 24 ގަޑިއިރު ކުރިން އެގައުމުގައި ޓިކްޓޮކް މަނާ ކުރުމުގެ ގާނޫނު ތަންފީޒުކޮށް އެ އެޕްލިކޭޝަން ބޭނުން ނުކުރެވޭ ގޮތް ހަދާފައި އޮތް ނަމަވެސް ވެރިކަމަށް އެރިތާ މާ ގިނައިރެއް ނުވެ ޓްރަމްޕް ވަނީ އެ ނިންމުން އަނބުރާ ގެންދަވާފަ އެވެ.
އެގޮތުން އެގައުމުގައި ޓިކްޓޮކްގެ މުސްތަގުބަލާ މެދު ގޮތެއް ނިންމުން 75 ދުވަހަށް ފަސްކޮށް އެ މުއްދަތުގައި އާއްމު ރައްޔިތުންނަށް ޓިކްޓޮކް ބޭނުންކުރެވޭ ގޮތް ވަނީ ހަދާފަ އެވެ.
އެމެރިކާގެ ކުރީގެ ސަރުކާރުން ޓިކްޓޮކް މަނާކުރަން ނިންމާފައިވަނީ އެ އެޕްލިކޭޝަންއަކީ ޗައިނާގެ އުފެއްދުމަކަށް ވެފައި އެ އެޕްލިކޭޝަންގައި ހިއްސާ ކުރެވޭ މައުލޫމާތުގެ ސަބަބުން އެގައުމުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ބުނެ އެވެ.
އެހެން ނަމަވެސް ދާދި ފަހުން ޓްރަމްޕް ވަނީ ޓިކްޓޮކް މަނާ ކުރި ނަމަވެސް އެމެރިކާއަށް ޗައިނާގެ ނުރައްކާ އޮތް ކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަ ދައްކާފަ އެވެ.
އެގޮތުން ޓިކްޓޮކް ފިޔަވައި އެހެން ވެބްސައިޓްތައް މެދުވެރިކޮށް ވެސް ޗައިނާގެ ޖާސޫސީ އިދާރާތަކަށް އެމެރިކާގެ ސިއްރު މައުލޫމާތު ހޯދިދާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
"އަހަރުމެންގެ ޒުވާނުންގެ އަމަލުތަކަށް ފާރަލުމަކީ ޗައިނާއަށް ހަމަ އެހާ މުހިއްމު ކަމެއްތަ؟" ޓްރަމްޕްގެ އިންޓަވިއުގައި ބުނެފައިވެ އެވެ.
ފާހަގަ ކޮށްލަންޖެހޭ ކަމަކީ ޓިކްޓޮކް އެމެރިކާގައި ބޭނުން ކުރުމަކީ މައްސަލައެއް ނޫން ކަމަށް ދޭހަވާ ގޮތަށް މިހާރު ޓްރަމްޕް ވާހަކަ ދެއްކި ނަމަވެސް އޭނާގެ ކުރީގެ ރިޔާސީ ދައުރުގައި އެ އެޕްލިކޭޝަން މަނާކުރަން ހުދު އޭނާ މަސައްކަތް ކޮށްފައިވާ ކަމެވެ.
އެހެން ކަމުން ޓްރަމްޕް އަލުން ވެރިކަމަށް އައިސް ޓިކްޓޮކް ބޭން އުވާލުމަކީ އެމެރިކާގެ ޒުވާނުންގެ ތާއީދު ހޯދަން އޭނާ ޖެއްސި "ޕަބްލިސިޓީ ސްޓަންޓެއް" ކަމަށް ބައެއް މީހުން އަންނަނީ ބުނަމުނަނެވެ.