މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގާއިމްކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް – ފަވަރަ އިން ޚިދުމަތް ދިނުމަށް އިތުރު 3 ފަރާތަކުން މިއަދު ބައިވެރިވެއްޖެ އެވެ.
ސިސްޓަމްގައި އަލަށް ބައިވެރިވެ ފަވަރަގެ ޚިދުމަތް ދޭން ފަށާފައިވާ ފަރާތްތަކަކީ ހަބީބް ބޭންކް ލިމިޓެޑް (އެޗްބީއެލް)، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ސީބީއެމް) ގެ އިތުރުން ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑް (ދިރާގު ފިންޓެކް) އެވެ. މީގެ ތެރެއިން ދިރާގު ފިންޓެކް އަކީ ބޭންކު ނޫން ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ ތެރެއިން ފަވަރަ އާއި ގުޅޭ ފުރަތަމަ ފަރާތެވެ. މި 3 ފަރާތުން ވެސް ވަނީ ފަވަރަ އާއި ގުޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ފުރިހަމަކޮށް ޕައިލަޓް ޓެސްޓިންގެ މަރުހަލާވެސް ފުރިހަމަ ކޮށްފައި ކަމަށް އެ އެމްއެމްއޭ އިން ބުނެ އެވެ.
އެ އޮތޯރިޓީ އިން ބުނީ ސިސްޓަމާ ގުޅުމާއެކު މި ތިން ފަރާތުގެ ޚިދުމަތްތައް ބޭނުންކުރައްވާ ހުރިހާ ކަސްޓަމަރުންނަށް ވެސް ފަވަރަ ޓްރާންސްފާ، ފަވަރަ ރިކުއެސްޓް، ފަވަރަ އައިޑީ އަދި ފަވަރަ ރީކޯލް ހިމެނޭހެން، ފަވަރަގެ އެންމެހާ ޚިދުމަތްތައް މިއަދުން ފެށިގެން ލިބިގެންދާނެ ކަމަށެވެ.
ފަވަރަ އާއި އަލަށް ގުޅުނު އެޗްބީއެލް އަދި ސީބީއެމް އާއި އެކު ރާއްޖޭގައި ބޭންކިންގގެ ޚިދުމަތް ދެމުންގެންދާ ހުރިހާ ބޭންކުތަކެއް މިހާރު މިވަނީ ސިސްޓަމްގައި ބައިވެރިވެފަ އެވެ. މިޔާއިއެކު އެއް ބޭންކުން އަނެއް ބޭންކަށް ކުރާ މުއާމަލާތްތައް ފަސޭހަކަމާއެކު ވަގުތުން މިހާރު ކުރެވޭނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
އެ އޮތޯރިޓީ އިން ބުނީ ކުރިޔަށް އޮތްތަނުގައި ޕޭމަންޓް ޚިދުމަތްދޭ އެހެނިހެން ފަރާތްތަކުން ވެސް ސިސްޓަމާއި ގުޅުމުގެ މަސައްކަތްތައް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.