މެންބަރުން ހަމަ ނުވާކަމަށް ބުނެ އިލެކްޝަން ކޮމިޝަނުން އުވާލިކަން އިއުލާންކުރި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ މެންބަރުން ހަމަވިޔަ ނުދިނުމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ތެރެއިން މަސައްކަތް ކުރިކަމަށް ތުހުމަތުކޮށްފި އެވެ.
އީސީއިން އެމްއާރްއެމްއަށް 3000 މެންބަރުން ހަމަ ކުރުމަށް ދިން މުއްދަތުގައި މެންބަރުން ހަމަ ނުވިކަމަށް ބުނެ އެ ޕާޓީ އުވާލަން ނިންމައި މިދިޔަ ހަފްތާގައި ވަނީ އިއުލާން ކޮށްފަ އެވެ.
މިކަމާއި ގުޅިގެން އެމްއާރްއެމްއިން އިލެކްޝަނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޕާޓީ އުވާލަން ނިންމާފައިވަނީ ޤާނޫނާއި ހިލާފަށް، ކޯޓުގެ އަމުރާވެސް ހިލާފަށް ކަމަށެވެ.
އެހެންކަމުން އެ ނިންމުން ބަލައިނުގަންނަ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެމްއާރްއެމްގެ ސިޓީގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން، އިލެކްޝަން ކޮމިޝަންގެ ބައެއް މެންބަރުން ވަކިކުރުމަށް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައި، "ގަސްތުގައި ވަކި ސިޔާސީ ޕާޓީއެއް އުވާލުމަށް ވަގުފޯމު ހެއްދުމުގައި އަމަލީ ގޮތުން މަސައްކަތް ކޮށްފައިވާ ކަމަށާއި، އެޕާޓިއަށް 3000 މެންބަރުން ހަމަވިޔަ ނުދިނުމަށް އީސީގެ ނައިބު ރައީސް ޢަލީ ނަޝާތުއާއި ކޮމިޝަންގެ މެންބަރު މުޙައްމަދު އާޞިފް އަދި ކޮމިޝަންގެ މެންބަރު ޑރ. މުޙައްމަދު ޒާހިރު މަސައްކަތްކޮށްފައިވާ ކަމަށް" ބުނެފައިވާ ކަމަށެވެ. މިތުހުމަތު ތަކާއެކު ކޮމިޝަން ގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުން ފިޔަވަޅު އަޅައި ވަކިކޮށްފައިވާ ކަމަށްވެސް އެ ޕާޓީން ބުނެފައިވެ އެވެ.
"އެހެންކަމުން، އިލެކްޝަންސް ކޮމިޝަނުން ކުރީގައި މިޕާޓީއާއި މެދު ޢަމަލު ކުރައްވާފައިވާ ގޮތް އަލުން ތަހުޤީޤު ކުރައްވައި، ޤާނޫނާއި އެއްގޮތް ވާގޮގޮތުގެ މަތިން މިޕާޓީއާމެދު އަމަލު ކުރެއްވުމަށް ކޮމިޝަންގެ ރައީސްގެ އަރިހުން އެދެމެވެ." އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން އީސީއަށް ފޮނުއްވި ސިޓީގައިވެ އެވެ.
މިކަމާއި ގުޅިގެން "ހުރިހާ"އާ ވާހަކަދެއްކެވި އެމްއާރްއެމްގެ އިސް ބޭފުޅަކު ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ޕާޓީ އުވާލުމަށް ގަސްތުގައި މެންބަރުންތަކެއް ވަކި ކޮށް 3000 މެންބަރުން ހަމަވިޔަ ނުދިނުމަށް އެތައް މަސައްކަތެއް ކޮށްފައިވާކަން ޕާޓީއަށްވެސް އެނގިފައިވާ ކަމަށެވެ.
"އެގޮތުން ޕާޓީގެ މެންބަރުންގެ ނަމުގައި ޕާޓީން ވަކިވުމަށް ސައްހަނޫން ސިޓީއާއި އީމެއިލް އަދި ފޯމް އީސީއަށް ހުށަހަޅާފައިވޭ. އެފަދަ އެއްވެސް ސައްހަކަމެއް ނެތް ސިޓީތަކެއްގެ މައްޗަށް، އީސީން ވަނީ މެންބަރުންނަށް ނޭނގި ޕާޓީގެ ދަފުތަރުން އުނިކޮށްފައި،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޕާޓީގެ ދަފުތަރަށް މެންބަރުން އިތުރު ކުރުމަށް ފޯމް ހުށަހެޅުމުން މެންބަރުން ހަމަވެދާނެތީ ފޯމްތައް ޕްރޮސެސް ނުކޮށް އީސީން ގަސްދުގައި ލަސްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މައްސަލަތައް އެމްއާރްއެމްއިން ކޯޓަށް ހުށަހެޅުމުން އީސީން އެމްއާރްއެމް އުވާލަން ނިންމީ ގާނޫނާ ހިލާފަށް ކަމަށް މިދިޔަ އަހަރު ކަނޑައަޅައި، ޕާޓީގެ ދަފުތަރުގެ އަދަދު އަލުން ކަށަވަރު ކުރުމަށްވެސް ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް އީސީން އެ އަމުރަށް އިޖާބަދީފައެއް ނުވެ އެވެ.