ޓެކްސީތަކުގެ ޚީދްމަތްދޭ ގަޑިތައް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަންނަން ނިންމައިފި އެވެ.

މިކުއްލި މައްސަލަ ހުށައެޅުއްވީ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ލަތީފެވެ. މި ކުއްލި މައްސަލަ ހުށައެޅުމުން ރައީސް ނަޝީދު ވިދާޅުވީ މި މައްސަލައަކީ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައިގަނެވޭނެ މައްސަލައެއް ނޫން ކަމަށެވެ.

ހުސެއިން ހުށައެޅުއްވި ކުއްލި މައްސަލައިގައި ވަނީ ގާނޫނު އަސާސީގެ 23 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އިޖްތިމާޢީ އަދި އިގްތިސާދީ ހައްގުތަކާއި ގާނޫނު އަސާސީގެ 37 ވަނަ މާއްދާއިން ލިބިދޭ މަސައްކަތް ކުރުމުގެ ހައްގުތައް ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ ކަމާއެކު ލިބިދޭން ޖެހޭ ކަމަށެވެ.

"ކޯވިޑް19ގެ ސަބަބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، މިމަހުގެ 21 ވަނަ ދުވަހު މާލޭގައި ހިންގާ ކެފޭ ރެސްޓޯރެންޓްތަކަށް ރޭގަނޑު 10:30އާ ހަމައަށް ޚިދްމަތް ދެވޭ ގޮތަށް ލުއިދީފައިވީ ނަމަވެސް، މާލޭގައި ޓެކްސީގެ ޚިދްމަތް ދެމުންދާ ފަރާތްތަކަށް އެފަދަ ލުޔެއް ލިބިފައި ނުވޭ." ސެމްބެ ވިދާޅުވި އެވެ.

މިހާރު ޢަމަލުކުރަމުންދާ އުސޫލުގައިވާގޮތުން ހަވީރު ހަޔަކުންފެށިގެން ޓެކްސީ ކުރެވެނީ ވަކި ޚާއްސަ ހުއްދައެއްގެ ދަށުން ކަނޑައެޅިފައިވާ އަދަދަކަށް ކަމަށްވާތީ އާއި، މި ޚިދުމަތަކީ އެތައް ބަޔަކު ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކަށްވެފައި، ހަވީރު ހަޔަކުން ފެށިގެން ޓެކްސީތައް ޕާކްކޮށްފައި ގެއަށް ވަންނަން ޖެހުމުގެ ސަބަބުން ޓެކްސީ ޑްރައިވަރުންނާއި އެފަރާތްތަކުގެ އާއިލާތަކަށް ވަރަށް ބޮޑު ނިކަމެތިކަމެއް ކުރިމަތިވަމުންދާ ކަމަށް ވެސް ހުސެއިންގެ މައްސަލާގައިވެ އެވެ.

ކެފޭ ރެސްޓޯރެންޓްތައް ހުޅުވައިގެން ޚިދްމަތް ދެވޭއިރު ޓެކްސީ ތަކުގެ ޚިދްމަތް ދޭގަޑި އިތުރުވެގެން ނުދިއުމަކީ އެހާ ދެކޮޅު ޖެހޭ ކަމަކަށް ނުވާ ކަމަށްވެސް ހުސެއިން ވިދާޅުވި އެވެ.

މިހާރު ދެމުންދާ ލުއި ތަކުގެ ތެރެއިން ޓެކްސީ ކުރާ ފަރާތްތަކަށްވެސް ޚިދްމަތްދެވޭ ގަޑި އިތުރުކޮދިނުމަށް މި މައްސަލައިގައި ގޮވާލާފައިވެއެވެ.

ޓެކްސީތަކުގެ ޚިދްމަތްދޭ ގަޑި އިތުރު ނުކުރާ މައްސަލައާ ގުޅިގެން ޓެކްސީ ޑްރައިވަރުންދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.