ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންއާ ވަރަށް ގާތް އާއިލީ ގުޅުމެއް އޮންނަ ކަމަށް ޕާކިސްތާނުގެ އާއިލާއަކުން ދައުވާ ކޮށްފި އެވެ.

ޕާކިސްތާނުގެ ޓީވީ ޗެނަލްއަކުން އާއްމުކުރި ވީޑިއޯއެއްގައި "ބަރީ މާމޫ" ނަމަކަށް ކިޔާ އުމުރުން ދުވަސްވީ މީހަކު ބުނީ 1947 ވަނަ އަހަރުގެ ކުރިން އޭނާގެ އާއިލާއާއި ސަލްމާންގެ އާއިލާ އުޅެމުން އައީ އިންޑިއާގެ އިންޑޯގައި ކަމަށެވެ.

އެހެން ނަމަވެސް އިންޑިއާއަށް މިނިވަންކަން ލިބުމަށްފަހު އޭނާގެ އާއިލާ ޕާކިސްތާނަށް ހިޖުރަކުރިއިރު ސަލްމާންގެ އާއިލާއަކީ އޭރުގެ ސްޓޭޓް ޕޮލިސްގެ އިސް މަގާމުތަކެއް ފުރަމުން އައި އާއިލާއަކަށް ވުމުން އެމީހުން އިންޑިއާގައި މަޑުކުރީ ކަމަށް އޭނާ ބުންޏެވެ.

އޭގެ އިތުރުން ސަލްމާންގެ މުނިކާފައާއި ބަރީ މާމޫގެ ބައްޕަ ފަރާތުގެ ބޮޑު ދައިތައަކީ އެއްއިރެއްގައި ކައިވެނި ކޮށްގެން އުޅުނު ދެމީހުން ކަމަށް ވެސް އޭނާ ބުނެ އެވެ.

އެއާއެކު މާމޫ އިތުރަށް ބުނެފައިވަނީ 1980ގެ ކުރީކޮޅު ސަލްމާންއާއި އޭނާގެ އާއިލާ ޕާކިސްތާނަށް އައިސް ތިން މަސް ދުވަހު އެމީހުންގެ ގޭގައި މަޑުކުރި ކަމަށެވެ.

ސަލްމާން ޚާންއަކީ ބޮލީވުޑްގެ މަޝްހޫރު ޚާން އާއިލާއަށް ނިސްބަތްވާ މީހެކެވެ. އޭނާގެ ބައްޕަ ސަލީމް ޚާންއަކީ ބޮލީވުޑްގެ އެންމެ ނަން ހިނގާ އެއް ޕްރޮޑިއުސަރެވެ.