އާއިލާއަށްވުރެ ފިލްމީ މަސައްކަތްތައް އިސްކުރާ ކަމަށް ބުނެ ހޮލީވުޑްގެ ތަރި އެންޖެލީނާ ޖޯލީ އޭނާގެ ކުރީގެ ފިރިމީހާ ބްރެޑް ޕިޓްއަށް އާ ތުހުމަތުތަކެއް ކޮށްފި އެވެ.
އެންޖެލީނާއާއި ބްރެޑްއާ ދެމެދު ކުރިއަށްދާ ގާނޫނީ ކޯޅުމުގެ ތެރެއިން އެންޖެލީނާ އެންމެ ފަހުން ހުށައެޅި ލިޔުންތަކުގައި އޭނާ ވަނީ އެ މައްސަލައަށް އާ ކަންތައްތަކެއް އިތުރު ކޮށްފަ އެވެ.
އެ ލިޔެކިޔުންތަކުގައި އެންޖެލީނާ ބުނެފައިވަނީ އޭނާއާއި ބްރެޑް ކައިވެނި ކޮށްގެން އުޅުނުއިރު އާއިލާގެ ބޭނުންތަކަށްވުރެ ފިލްމީ ދާއިރާގެ މަސައްކަތްތަކަށް ބްރެޑް އިސްކަން ދިން ކަމަށާއި އެހެން ކަމުން އާއިލީ ހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހުނީ އެންޖެލީނާއަށް ކަމަށެވެ.
އޭގެ އިތުރުން ކައިވެނީގެ މުއްދަތުގައި ބްރެޑްގެ އަމަލުތައް ހުރި ގޮތުން އޭނާއަށާއި އެ ދެމީހުންގެ ދަރިންނަށް ނަފްސާނީ ގޮތުން ވެސް އަސަރު ކޮށްފައިވާ ކަމަށް ވެސް އެންޖެލީނާ ބުނެފައިވެ އެވެ.
އަހަރުތަކަކަށް ދެމިގެންދިޔަ ކޯޓު މަރުހަލާއަކަށްފަހު އެންޖެލީނާއާއި ބްރެޑްގެ ކައިވެނި ނިމުމަކަށް އައިސްފައިވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.
އެ ދެމީހުން އެކުގައި ހިއްސާވި ތަނެއްގެ މިލްކިއްޔާތުގެ މައްސަލަ މިހާރު ވެސް ކޯޓުގައި ދަނީ ކުރިއަށް ދާއިރު އެ މައްސަލަ އޮތީ ވަރަށް ހޫނު ވެސް ވެފަ އެވެ.