‏މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯއަކަށް ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޝްވާން ހަމަޖައްސައިފި އެވެ.

އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ވަޖީހު އިބްރާހީމް ވަކިކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ.

ޕްރައިވެޓަައިޒޭޝަން ބޯޑުން މިއަދު ބުނީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށާއި ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް ހ. ހަބަރުގެ، މުއްމަދު ރިޝްވާން، މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.

ރިޝްވާން ވަނީ އައިޖީއެމްއެޗްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު މަގާމު ވެސް މީގެ ކުރިން އަދާކޮށްފަ އެވެ.

ފުލުސް އޮފީހުން ރިޓަޔާކުރެއްވުމަށްފަހު ރިޝްވާން ފުރަތަމަ ހުންނެވީ އައިޖީއެމްއެޗްގެ ޑެޕިއުޓީ ޑިރެކްޓަ ޖެނަރަލްގެ މަގާމުގަ އެވެ. އެ މަގާމަށް އޭނާ އައްޔަންކުރީ 2014ގަ އެވެ. އައިޖީއެމްއެޗްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު މަގާމަށް އައްޔަންކުރީ 2015ގަ އެވެ.

ރިޝްވާން ވަނީ ސިފައިންގެ ވަޒީފާއާއި ފުލުހުންގެ ވަޒީފާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރައްވައިފަ އެވެ. ފުލުސް އޮފީހުން އޭނާ ރިޓަޔާކުރެއްވީ 2012 ވަނަ އަހަރު އެވެ.